ނުރައްކާތެރި ބައްޔެއް ފެތުރިއްޖެ ހާލަތެއްގައި ބަލި ޖެހޭ މީހުންނަށް އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންތަކާ އެއްގޮތަށް ފަރުވާދީ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރާއްޖޭގައި ގާއިމްކުރަން ނިންމާފައިވާ ކަރަންޓިން ފެސިލިޓީގެ ޑިޒައިން އަދި ކޮންސަލްޓެންސީ ހެދުމަށް ހެލްތު މިނިސްޓްރީން ގެޑޯ ކޮންސަލްޓަންޓާއި ހަބްޝީ ކޮންސަލްޓަންސީ ޖޮއިންޓްވެންޗާ އާ އެކު މިއަދު ސޮއިކޮށްފި އެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ގެޑޯ ކޮންސަލްޓަންޓާއި ހަބްޝީ ކޮންސަލްޓަންސީ ޖޮއިންޓްވެންޗާ އާ އެކު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ހުޅުމާލޭގައި ގާއިމްކުރާ ކަރަންޓީން ފެސިލިޓީގެ ހިދުމަތަކީ ނުރައްކާތެރި ބައްޔެއް ފެތުރިގެން ހިނގައިދާނެ ކަމުގެ ކަމުގެ ބިރުވެރިކަން އުފެދޭ ހާލަތްތަކާއި، ފަސޭހައިން ފެތުރުމުގެ ނުރައްކާ ބޮޑު ބަލިތަކުން އާންމުން ރައްކާޓެރިކުރުމަށް ސަރުކާރުން ފޯރުކޮށްދޭން ނިންމާފައިވާ މުހިއްމު ހިދުމަތެއް ކަމަށެވެ. އެ ފެސިލިޓީއަކީ ރާއްޖޭން ސޮއިކޮށްފައިވާ ބައިނަލް އަގުވާމީ ހެލްތު ރެގިއުލޭޝަންތަކުގެ ދަށުން ރާއްޖޭގައި ގާއިމްކުރުން ލާޒިމް ފެސިލިޓީއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ކަރަންޓީން ފެސިލިޓީއެއް ގާއިމްކުރަން ނިންމާފައިވާއިރު އެ ފެސިލިޓީ އަޅަން ހުޅުމާލެއިން ބިމެއް ދޫކުރަން ވަނީ ނިންމާފަ އެވެ. އަދި އެ މަޝްރޫއަށް އައިޑީބީ އިން ވަނީ 4.1 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދޫކޮށްފަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ ކަރަންޓީން ފެސިލިޓީގެ މަސައްކަތް ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅިން ނިންމައި ހިދުމަތްދޭނެ ކަމަށެވެ.
".. ކަރަންޓީނު ކުރުމަކީ ރާއްޖޭގައި އަލަށް ކުރާ ކަމެއް ނޫން. އެހެން ނަމަވެސް ބައިނަލް އަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، އެ ފެންވަރުގެ ހިދުމަތްތއް ލިބޭ ގޮތަށް ހާލަތެއް މެދުވެރިވާ ހިނދެއްގައި ފިޔަވަޅޫ އަޅާ ފެސިލިޓީއެއް ހުރުމަކީ މުހިއްމު ކަމެއް، އެހެންކަމުން މި ފެސިލިޓީ ވެގެންދާނީ ސިއްހީ ދާއިރާއަށް އަންނާނެ އިތުރު ކުރިއެރުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.