ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއަށް އެކި ގޮތްގޮތުން އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ދޭ އެވޯޑު 15 ފަރާތަކުން ހޯދައިފި އެވެ.
ޑިސެބިލިޓީ އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން، ޖެންޑަ މިނިސްޓްރީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުން އިންތިޒާމްކޮށް ކޮންމެ ދެ އަހަރުން އެއް އަހަރު ދޭ އެވޯޑެކެވެ. މިއަހަރު އެ އެވޯޑު ދީފައިވަނީ ޖުމްލަ އަށް ދާއިރާއަކުންނެވެ.
އެވޯޑް ލިބުނު ފަރާތްތައް
- ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން - މުހައްމަދު އައްވާމް، ދީނާ ލަތީފް، ނަޒީހާ އަބްދުއްސައްތާރު، އަލްހާފިޒް އަބްދުއް ރަޝީދު، އަހްމަދު ނަޖީބް.
- ނުކުޅެދޭ ރާތްތަކަށް ތަޢުލީމު ދިނުން - ޖަމާލުއްދީން ސްކޫލް، ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލް.
- ނުކުޅެދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން - މަރިޔަމް ޝަތުރަތް ޝާކިރު، ޒިހުނަތު ހަސަން
- ނުކުޅެދުންތެރިނަށް ހިދުމަތް ކުރާ ޖަމްއިއްޔާ - ބިއުޓިފުލް އައިސް, ޑައުންސިންޑްރަމް އެސޯސިއޭޝަން
- ފަންނީ ގޮތުން ނުކުޅެދުންތެރިކަމަށް މަސައްކަތްކުރާ ފަރާތްތަކުގެ ކެޓަގަރީ - އިފްހާމް ޙުސައިން، ފާމަތް ޒަމީލް
- މާލީ ގޮތުން ނުކުޅެދުންތެރިކަމަށް މަސައްކަތްކުރާ ފަރާތްތަކުގެ ކެޓަގަރީ - އަލިފުޅު ތުއްތު ފައުންޑޭޝަން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދޭ ފަރާތްތަކުގެ ކެޓަގަރީ - އެމްޓީސީސީ
- ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން ހަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ހިދުމަތުގެ އެވޯޑު - ވީއެފްއެމް
ޑިސެބިލިޓީ އެވޯޑް ދިނުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދު އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޖިހާދު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަދާކޮށްދޭންޖެހޭ ޒިންމާތަކަކީ ހަމައެކަނި ދައުލަތުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ނޫންކަމަށެވެ. އެ ޒިންމާ އަކީ ދައުލަތާ އެއް ވަރަށް އާންމު ފަރުދުންގެ ޒިންމާ އަދާކުރެވިގެން ފުރިހަމަވާނެ ކަންތައްތަކެއް ކަމަށް ޖިހާދު ވިދާޅުވި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ތެރެއިން ވަޒީފާގެ މައިދާނަށް ނުކުންނަން ތައްޔާރަށް ތިބި ފަރާތްތަކަށް ސަރުކާރާއި ކުންފުނިތައް މެދުވެރިކޮށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.