ވިޔަފާރި

މޫދު އަޑީގެ ފުރަތަމަ ހޮޓާ ކުރެދިވަރު ރިސޯޓުގައި ހުޅުވަނީ

  • ހޮޓާ ހަދަނީ ހަ މީޓަރު އަޑީގައި
  • ހޮޓަލުގައި 22 ކޮޓަރި ހުރޭ
  • ހަދަނީ ޕޮލެންޑުގެ ކުންފުންޏަކުން

މޫދު އަޑީގެ މިފަދަ މަންޒަރުތައް އާއްމު ގޮތެއްގައި ފެންނާނީ ފިލްމް ތަކުންނެވެ. މިއީ ހުވަފެނެއް ފަދަ ކަމެކެވެ. މި ހުވަފެން ހަގީގަތަށް ހަދައި ދިނުމަށް ޕޮލެންޑުގެ ކުންފުންޏަކުން މި ވަނީ މަސައްކަތް ފަށާފަ އެވެ. ޕޮލެންޑުގެ ކުންފުންޏެއް ކަމަށްވާ "ޑީޕްއޯޝަން ޓެކްލޮޖީސް" އިން ރާއްޖޭގެ ޒެން ރިސޯޓު އެޓް ކުރެދިވަރުގައި ހަދާ ހޮޓަލަކީ މޫދު އަޑީގައި މި ގޮތަށް ދުނިޔޭގައި ވެސް ހަދާ ފުރަތަމަ ހޮޓަލަށްވާނެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުން ކުރެދިވަރުގައި ތަރައްގީކުރާ މޫދު އަޑީގެ މި ހޮޓަލުގައި 22 ކޮޓަރި ހުންނާނެ އެވެ. މޫދުގެ ހަ މީޓަރު އަޑީގައި ހަދާ މި ހޮޓާ ފަރުމާކޮށްފައިވަނީ ހޮޓަލުގެ މެދުގައި ސިޑި އާއި ލިފްޓް ވެސް ހިމެނޭ ގޮތަށެވެ. އަދި މި ތަނުގައި އެންމެ މި ޒަމާނުގެ ތަފާތު ވަސީލަތްތައް ހުންނާނެ އެވެ. މި ހޮޓާ ފަރުމާކޮށްފައިވަނީ ޓޫރިސްޓުން ގޮވައިގެން އަންނަ ހެލިކޮޕްޓަރު ހޮޓަލުގެ މައްޗަށް ތިރިކޮށްލެވޭ ގޮތަށެވެ.

ރާއްޖޭގައި މޫދު އަޑީގެ ފުރަތަމަ ހޮޓާ ހުޅުވުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގައި ތަރައްގީކޮށްފައިވާ "އިތާ" ރެސްޓޯރެންޓަކީ ދުނިޔޭގައި ފުރަތަމަ ހުޅުވި މޫދު އަޑީގެ ރެސްޓޯރެންޓެވެ. މޫދު އަޑީގެ އެންމެ ބޮޑު ރެސްޓޯރެންޓުވެސް ހަދާފައިވަނީ ރާއްޖޭގަ އެވެ. އެއީ ޅ. ހުރަވަޅި ރިސޯޓުގަ އެވެ. މި ތަނުގައި އެއް ފަހަރާ 24 މީހުންނަށް ކެއުމަށް އިންސާފު ކުރެވޭނެ ޖާގަ އޮވެ އެވެ.

މޫދު އަޑީގެ ރެސްޓޯރެންޓުގެ އިތުރުން ރާއްޖޭގެ ހުވަފެންފުށީގައި ހަދާފައިވާ މޫދު އަޑީގެ ސްޕާއަކީ މިގޮތަށް ދުނިޔޭގައި ހަދާފައިވާ އެންމެ ފުރިހަމަ އެއް ތަނެވެ.