ހަބަރު

ފާރެއްގެ ދަށުވެ ނަރުދޫގައި މީހަކު މަރުވެއްޖެ

ށ. ނަރުދޫގައި މީހެއްގެ ގައިމައްޗަށް ފާރެއް ވެއްޓުމުގެ ސަބަބުން އެމީހާ މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު އެވެ.

ކައުންސިލްގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ، ގައި މައްޗަށް ފާރެއް ވެއްޓުމުގެ ސަބަބުން މިއަދު މަރުވެފައިވަނީ އެރަށު އިރުމަތީގޭ އަހުމަދު މުފީދު 48 ކަމަށެވެ. އެހާދިސާގައި އިތުރު ދެ މީހަކަށް ވެސް އަނިޔާ ވެފައިވާއިރު، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، އިތުރު ފަރުވާއަށް ހދ. ކުޅުދުއްފުއްޓަށް މިހާރު ފުރާފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ މުފީދު އާއި އެރަށުގެ އިތުރު ދެ މީހަކު، ފާރެއް ތަޅާލުމަށް ފަހު ގާކުޑިތައް ގާޑިޔަލަކަށް އަރުވަން އުޅެނިކޮސް އެ ފާރުގެ ނުތެޅި ހުރި ބައި އެ މީހުންގެ ގައިމައްޗަށް ވެއްޓިގެންނެވެ.

".. ބަރޯއަށް ތަޅާފައި ހުރި ގާތަށް އަރުވަން އެމީހުން ތިބީ، ތިއްބާ ނުތެޅި ހުރި ފާރު ވެއްޓުނީ، އެ ފާރު ވެއްޓެމުން ދަނިކޮށް މީހަކަށް ފެނިގެން ގޮވައިގަތުމުންވެސް ސަލާމަތްވާނެ ފުރުސަތެއް ނުލިބުނު. މުފީދުއާ އަދި އިތުރު މީހަކުވެސް ފާރު ދަށުވި. އަނިޔާވި މީހާ މިހާރު ވަނީ ކުޅުދުއްފުއްޓަށް ފުރުވާފަ. އެމީހާގެ ހާލުވެސް ވަރަށް ދަށް،" ޒަރީރު ވިދާޅުވި އެވެ.

އޭގެ ތެރެއިން އެކަކު މަރުވެފައިވާއިރު އަނެއް މީހާގެ ހާލު ސީރިއަސް ކަމަށް ޒަރީރު ވިދާޅުވި އެވެ.