ހަބަރު

އަބްދުﷲ ގާޒީ ބަންދު ކުރިކަމުގެ ދައުވާލިބޭ ތިން ބޭފުޅެއްގެ ޝަރީއަތް މާދަމާ ރޭ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ތިން ބޭފުޅެއްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފި އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ދައުވާލިބޭ ބޭފުޅުންގެ ތެރެއިން މާދަމާ ބާއްވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރުގެ މޫސާ އަލީ ޖަލީލާއި ކުރީގެ މާލޭގެ އޭރިޔާގެ ކޮމާންޑަރު އިބްރާހިމް ދީދީގެ އިތުރުން ސިފައިންގެ ކުރީގެ އޮޕަރޭޝަންސްގެ ޑައިރެކްޓާ ކާނަލް ޒިޔާދުގެ ޝަރީއަތެވެ.

އެ ތިން ބޭފުޅުންގެ ތެރެއިން މޫސާ އަލީ ޖަލީލުގެ ޝަރީއަތް މާދަމާ ރޭ 7:00 ގައި ބާއްވާއިރު އިބްރާހިމް ދީދީގެ ޝަރީއަތް ބާއްވަން ހަމަޖައްސާފައިވަނީ 8:00 އަށެވެ. ކާނަލް ޒިޔާދުގެ ޝަރީއަތް ބާއްވަން ހަމަޖައްސާފައިވަނީ 9:00 އަށެވެ.

އެ ތިން ބޭފުޅުންގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިދިޔަ ހަފުތާގައިވަނީ ބާއްވައިފަ އެވެ.

އެ ތިން ބޭފުޅުންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ވެސް އެ މައްސަލައިގައި ދައުވާ ކުރެއެވެ. އެ ދެ ބޭފުޅުންގެ ޝަރީއަތް ރޭ ވަނީ ކޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގެ ޝަރީއަތް ނިމެންދެން ކުރީގެ ރައީސް ނަޝީދު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާތީ އެމަނިކުފާނު ދޫކޮށްލަން ގޮވާލައި، މާލޭގައި ދަނީ މުޒާހަރާތައް ކުރަމުންނެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ދައުވާލިބޭ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް ނުވަތަ ގޭގައި ބަންދު ކުރުމުގެ ހުކުމެއް އަންނާނެ އެވެ.