ދުނިޔެ

މީގެ 17 އަހަރު ކުރިން ވަގަށް ނެގި ކުއްޖަކު ފެނިއްޖެ

Feb 28, 2015

ދެކުނު އެފްރިކާގެ ހޮސްޕިޓަލެއްގައި އޮއްވައި މީގެ 17 އަހަރުން ކުރިން ވަގަށް ނަގާފައިވާ ކުއްޖަކު ފެނި، އެ ކުއްޖާ ވަގަށް ނެގި އަންހެން މީހާ ކޯޓަށް ހާޒިރުކޮށްފި އެވެ.

މި ކުއްޖާ މިހާރު އޭނާގެ މަންމަ އާއި ބައްޕައާ ވަނީ ހަވާލުކޮށްފަ އެވެ.

ވަގަށް ނެގި ކުއްޖާ ފެންނަން މެދުވެރިވީ އޭނާއާ އެއްބަނޑު އެއްބަފާ އެހެން އަންހެން ކުއްޖަކާ އެއް ސްކޫލެއްގައި އުޅެން ދިމާވުމުންނެވެ. މި ދެ ކުދިންގެ ސިފަ ވައްތަރުވުމާއި އެއްގޮތް ކަންތައްތަކެއް ހުރުމުން ކުދިންގެ މައިންބަފައިން އެ ދެ ކުދިން ކޮފީއަކަށް ގެންދިއުމަށް ފަހު ފުލުހުންނަށް ރިޕޯޓްކުރީ އެވެ.

މައްސަލަ ތަހުގީގުކޮށް، ޑީއެންއޭ އިން މިހާރު ވަނީ އެއީ އެއްބަނޑު އެއްބަފާ ދެ ކުދިންކަން ކަށަވަރު ވެފަ އެވެ. ވަގަށް ނަގައިގެން ގެންގުޅުނު ކުއްޖާ އަށް މިހާރު ދަނީ ކައުންސެލިން ދެމުންނެވެ.

ކުއްޖާގެ މަންމަ ބުނެފައި ވަނީ ގެއްލިފައިވާ ދަރިފުޅު ފެނުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

"މި ދަރިފުޅުގެ އުފަން ދުވަހަކީ އޭޕްރީލް 28. މިއީ މި ދަރިފުޅާ އެކު އޭނާގެ އުފަން ދުވަސް ފާހަގަ ކުރެވޭ ފުރަތަމަ ފަހަރު. އެހެންވެ މިފަަހަރު ބޮޑު ޕާޓީއެއް ބާއްވަން ޖެހޭނެ،" މަންމަ ބުނެފައިވެ އެވެ.

ކުއްޖާ ވަަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެމަފިރިންގެ ދަރިންނެއް ނުތިބެ އެވެ. -- ބީބީސީ