ފޮޓޯ އާއި ވީޑިއޯ އިން މިގޮތަށް ފެނިގެން މިއީ ކާކުކަން ދެނެގަތުމަށް ފަހަރުގައި އުނދަގޫވެދާނެ އެވެ. އެކަމަކު މިއީ ވަރަށް މަޝްހޫރު ވާހަކަލިޔުންތެރިއެކެވެ، ފަަހަރުގައި މިހާރުގެ އެންމެ މަގުބޫލު ވާހަކަ ލިޔުންތެރިޔާ އެވެ. އޭނާގެ އަސްލު ނަމާއި ލޯބިން އާއިލާތެރޭގައި ކިޔައި އުޅޭ ނަމުން ބުންޏަސް މިއީ ކިޔުންތެރިންގެ މެދުގައި އެންމެ މަގްބޫލު އަންހެން ވާހަކަލިޔުންތެރިޔާކަން ނޭނގިދާނެ އެވެ.
ތިން ނަމުގެ ކެރެކްޓާއަކަށް އޭނާ ބަދަލުވަނީ މި ސަބަބާ ހެދި އެވެ. ލޯބިން އޭނާ އަށް އެންމެން ކިޔައި އުޅެނީ ޝިފާނާގެ ނަމެވެ. ފާތިމަތު ނީނާ އަކީ އޭނާގެ ރަސްމީ ނަމެވެ. އަދި ލާރާ އަކީ ކިޔުންތެރިންގެ މެދުގައި އޭނާ މަޝްހޫރު ވާހަކަ ލިޔުންތެރިޔަކަށް ބަދަލުކޮށްލި ނަމެވެ.
މިއީ ކިޔުންތެރިންނާއި ފޭނުންނަށް "ފިލައިގެން" އުޅޭ މި ލާރާއެއްގެ މިފަދަ ފުރަތަމަ އިންޓަވިއުއެވެ. ތަފާތީ ހަމައެކަނި އޭނަ ލިޔާ ވާހަކަތައް އެކަންޏެއް ނޫނެވެ. އޭނަގެ ވެސް ވާހަކަ ވެސް ހަމަ ތަފާތީ އެވެ.
މިކަހަލަ ގޮތަކަށެވެ. -- ނަމަކަށް ލާރާ އެންމެ ފުރަތަމަ ހިޔާރުކުރީ ހޮޓް ނަމެއްގެ ދަހިވެތިކަމުގަ އެވެ. ސްކޫލް ދައުރުގައި އޭނާ ވާހަކައެއް ނުލިޔެ އެވެ. ޓެސްޓް ޕޭޕަރުގައި އަބަދުވެސް ވާހަކައިގެ ބަދަލުގައި ލިޔުނީ މަޒުމޫނެވެ. އެއަށް ފަހު ވާހަކައެއް ފުރަތަމަ ލިޔުނީ ނިކަން މަޝްހޫރު އެހެން ވާހަކަ ލިޔުންތެރިޔަކަށްވުރެން މަޝްހޫރުވާނެ ކަމަށް ބުނެ ކުރި ޗެލެންޖަކަށެވެ.
އެހެން ނަމަވެސް އޭނާ އެންމެ ފުރަތަމަ ބޭނުންވީ ވާހަކަ ލިޔުންތެރިޔަކަށްވާކަށެއް ނޫނެވެ. އަދި މިހާރު ތައުލީމު ހާސިލުކުރަމުން އެދާ، ދިވެހި ބަހުގެ ޑިގްރީ ކޯސް ފަދަ ކަމަކަށް އެއްވެސް ޝައުގުވެރިކަމެއް އޭރަކު ނެތެވެ. އެންމެ ފުރަތަމަ ހިތްގެނބިގެން ދިޔައީ ހޮސްޕިޓަލިޓީގެ ދާއިރާއަށެވެ. އާއިލާ އިން ރުހުން ނުލިބުނަސް އަމިއްލަ އަށް ފާމަސީއެއްގައި ވަޒީފާ އަދާކޮށް ހޮސްޕިޓާލިޓީގެ ދާއިރާއިން ކިޔަވައިގެން ރިސޯޓެއްގެ ވަޒީފާ އަށް ދިޔައީ އެވެ.
އެ މާހައުލުގައި ބަލިވެ، ފޫހިވެގެން އެނބުރި އައިސް މީހެއްގެ އެދުމަކަށް އެންމެ ފުރަތަމަ ވާހަކަތަކެއް ޝާއިއުކުރީ 2010 ވަނަ އަހަރު، މުރާސިލް ވެބްސައިޓްގަ އެވެ. އެއަށް ފަހު މަޝްހޫރު ވާހަކަލިޔުންތެރިޔާ ލާރާ އުފެދުނީ އެވެ.
ތިރީގައި މިއޮތީ އޭނާގެ ހާއްސަ އިންޓަވިއު އެވެ.