މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ފެށުމަށް ހައުސިން މިނިސްޓްރީން ފަށާފައިވާ ބޮޑު މަޝްރޫއުގެ ދަށުން، މާލޭގެ މަޖީދީ މަގު ހެދުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ. އެ ޕްރޮޖެކްޓްގައި އެންމެ ފުރަތަމަ ޝެޑިއުލްކޮށްފައިވަނީ މަޖީދީ މަގު ހެދުމެވެ. މަޖީދީ މަގު ހަދައި ނިންމަން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީ ކޮޅަށެވެ.
މާލޭގެ 11 މަގެއް ހެދުމުގެ ބޮޑު މަޝްރޫއެއް މިއަދު ފަށަން ނިންމައި ހައުސިން މިނިސްްޓްރީން އެކަން އިއުލާންކޮށްފައިވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.
އެ މިނިސްޓްރީ އިން އާންމު ކުރި ޝެޑިއުލްއެއްގައި ބުނީ، އޮކްޓޯބަރު އެކަކުން ފެށިގެން އަންނަ އަހަރުގެ ފެބުރުއަރީ ހަތަރުވަނަ ދުވަހާ ހަމަޔަށް މަޖީދީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. އަދި އެ މުއްދަތުގައި މަޖީދީ މަގުގެ އެކި ސަރަހައްދުތައް ބަންދު ކުރަމުން ދާނެތީ އާންމުންގެ ފަރާތުން އެއްބާރުލުމަށް އެދޭ ކަމަށް ވެސް ބުންޏެވެ.
މަގު ހަދަމުން އަންނަ އިރު، ނުވަ ބަޔަކަށް ބަހާލައި ކޮންމެ ސަރަހައްދެއް ވަކިވަކިން ހެދުމަށް ވަނީ ނިންމާފަ އެވެ. މީގެން ކޮންމެ ބައެއް ހެދުމަށް ދެ ހަފްތާ ހޭދަވާ އިރު، މި މަސައްކަތް ދުވާލަކު 20 ގަޑިއިރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެންމެ ފުރަތަމަ ޕޭވްމަންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފަހު ދެން މައިމަގު ހަދަން ވަނީ ރާވައިފަ އެވެ. މި މަސައްކަތް ކުރާއިރު ބަންދުވާ ބައިގައި ޕާކް ކުރުން ވެސް އެހެން ތާކަށް ބަދަލު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
"ބަންދު ކުރާ ސަރަހައްދުތައް ދުރާލާ އަންގަމުން ދާނެ. އެގޮތުން އަޅުގަނޑުމެންގެ ފަސޭހަ މަގު އެޕްއިން ވެސް އެ މައުލޫމާތު އަޕްޑޭޓް ކުރަމުން ދާނެ އަދި ނޮޓިފިކޭޝަން ވެސް ފޮނުވަމުން ދާނެ. އެ ސަރަހައްދުތަކުގައި އުޅޭ ރައްޔިތުންނަށް ބަންދު ކުރާ ތަންތަން އެނގޭނެހެން ލީފްލެޓް ބަހާނެ އަދި ބޯޑުތައް ވެސް ބަހައްޓާނެ،" ހައުސިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީގެ ތިންބައިކުޅައެއްބައި މީހުން ދިރިއުޅެމުންދާ މާލެއަށް އެންމެ ބޮޑަށް ދިމާވެފައިވާ އެއް މައްސަލައަކީ މަގުގެ މައްސަލައެވެ. އެހެންކަމުން މި މަޝްރޫއަކީ ރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަން ގެނުވާނެ މަޝްރޫއަކަށް ވާނެކަން ޔަގީނެވެ.
މާލޭގެ ހުރިހާ ބޮޑެތި މަގުތަކެއް އަލުން ރިސާފޭސް ކޮށް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު ނިމޭނީ، 2018 ގެ ސެޕްޓެމްބަރު ނުވައެއްގައި ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ. މަގުތައް އަލުން ހަދަން ޕްލޭންކޮށްފައިވަނީ، ޒަމާނީ ފެން ހިންދާ ނިޒާމު ގާއިމް ކުރުމާއި ކޭބަލް އަޅަން މުޅި މަގުތައް ކޮންނަން ނުޖެހޭ ގޮތަށް ޒަމާނީ ކޭބަލް ޖަންގްޝަންތައް ގާއިމް ކުރުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ދުވާރު އަލުން ރިޑިޒައިން ކުރުމުގެ އިތުރަށް މަގުތައް އަލުން ލެވަލްކޮށް މިހާރު އަތުރާފައި ހުރި ގާތައް އެކީ ބަދަލު ކުރާ ގޮތަށެވެ.