ވިޔަފާރި

އަންނަ މަހު ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހުޅުވަން ތައްޔާރު ވެއްޖެ

  • މި އަހަރު ނުވަ ރިސޯޓެއް ހުޅުވޭނެ
  • 200 އަށްވުރެ ގިނަ އެނދު އިތުރުވޭ
  • މަޝްހޫރު ބްރޭންޑުތައް ވެސް ހިމެނޭ

ރާއްޖޭގެ ޓޫރިޒަމަށް އަންނަ މަހު ވަރަށް އުފާވެރިވާނެ އެވެ. ސަބަބަކީ އަންނަ މަހު މުޅިން އަލަށް ގިނަ ރިސޯޓު ތަކެއް ރާއްޖޭގައި ހުޅުވޭނެ އެވެ. މީގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގޮން ޖަހާލައި ގިނަ ސިފަތަކެއް ހިމެނޭ ރިސޯޓުތަކެއް ވެސް ހިމެނެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުން މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނުވަ ރިސޯޓެއް ރާއްޖޭގައި ހުޅުވާއިރު، މީގެ ތެރެ އިން ހަތަރު ރިސޯޓެއް އަންނަ މަހު ހުޅުވާނެ އެވެ. ތިރީގައި އެވަނީ އަންނަ މަހު ހުޅުވާނެ ބައެއް ރިސޯޓުތަކެވެ.

މިލައިދޫ މޯލްޑިވްސް

އަންނަ މަހު ހުޅުވާ ރިސޯޓުތަކުގެ ތެރޭގައި އެންމެ ފާހަގަ ކުރެވޭ އެއް ރިސޯޓަކީ ދިވެހި ވަންތަ ގިނަ ސިފަތައް ހިމަނައި ބ. މިލައިދޫގައި ތަރައްގީ ކުރަމުން ގެންދާ ލަގްޒަރީ ރިސޯޓެވެ. ރިސޯޓު އަންނަ މަހު ހުޅުވާ މި ރިސޯޓު ހަދާފައިވަނީ ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގަ އެވެ. ދިގު މިނުގައި 300 މީޓަރު އަދި ފުޅާ މިނުގައި 180 މީޓަރު ހުންނަ ކުޑަ ރަށެއްގަ އެވެ. މި ރިސޯޓް ފަރުމާކޮށްފައިވަނީ ދިވެހި ފަރުމާކުރުންތެރިއެއް ކަމަށްވާ މުހައްމަދު ޝަފީގު އެވެ. ރިސޯޓުގެ ގިނަ ތަންތަން ހަދާފައިވަނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށެވެ. ރަށުގެ މޫދު ކޮޓަރިތައް ހަދާފައިވަނީ ދޯނިތަކެއްގެ ސިފަ ފެންނާނެ ގޮތަކަށެވެ. ޕްރައިވެޓް އައިލެންޑް ކޮންސެޕްޓަށް ތަރައްގީ ކުރާ މި ރިސޯޓުގައި ޖުމްލަ 50 ކޮޓަރި ހިމެނެ އެވެ. މީގެ ތެރޭގައި 30 މޫދު ކޮޓަރިއާއި 20 ބީޗް ވިލާ ހިމެނެ އެވެ.

ހުރަވަޅި މޯލްޑިވްސް

ޗަމްޕާ ކާސާ ހޮލްޑިން އިން ޅ. އަތޮޅު "ހުރަވަޅީ" ގައި ތަރައްގީކުރާ ރިސޯޓަކީ ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރަންޓަކާ އެކު ހުޅުވާ ރިސޯޓެވެ. މި ރިސޯޓުގައި 90 ވިލާ ހުރެ އެވެ. އެއް ފަހަރާ ގާތްގަނޑަކަށް 24 މީހުންނަށް ކެއުމަށް އިންސާފުކުރެވޭ މި ރެސްޓޯރެންޓުގެ އޮނިގަނޑުގައި 400 ޓަނު ހުންނައިރު ރާއްޖެ ގެންނައީ "ގްލޯބަލް ޝިޕިން އެންޑް ލޮޖިސްޓިކްސް" ގެ ބޯޓެއްގަ އެވެ. މި ރެސްޓޯރެންޓް ފަރުމާކޮށްފައިވަނީ، މި ތަނަށް ފައިބަން 13 މީޓަރުގެ ފުން ސިޑިއެއް ގާއިމުކޮށްފައިވެ އެވެ. ރެސްޓޯރެންޓްގައި ކެއުމަށް އިންސާފުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނާނެ އެވެ.

ސޮނޭވާ ޖާނީ

ސޮއިންޑިޔާގެ ބިލިޔަނަރު ސޯނޫ ޝިދްވަސާނީ ރާއްޖޭގައި ތަރައްގީކުރާ "ސޮނޭވާ ޖަނީ" އަކީ މުޅިންއާ ކަންތަކެއް ހިމެނޭ ގޮތަށް ތަރައްގީ ކުރަމުން ގެންދާ ރިސޯޓެކެވެ. މި ރިސޯޓު ސޮފްޓް އޯޕަނިން އިއްޔެ ވަނީ ބާއްވާފަ އެވެ. އަދި ވަރުގަދަ ރަސްމިއްޔާތަކާއެކު ރަސްމީކޮށް ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓް ތަކަށް ސޯނޫ ވިދާޅުވެފައިވާ ގޮތުން 24 މޫދު ކޮޓަރީގެ މި ރިސޯޓުގައި އައުޓްޑޯ ސިނަމާ އާއި ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަަހައްދެއް ވެސް އޮންނާނެ އެވެ. މި ރިސޯޓުގައި ހަދާފައިވާ ސައިލެންޓް ސިނަމާގައި ޓޫރިސްޓުންނަށް ބްލޫޓޫތް ބޭނުންކޮށްގެން ފިލްމު ބަލައި ލެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯނޫ ވިދާޅުވެފައިވާ ގޮތުގައި ކަންތަފައް ޖަހާ މި ބްލޫޓޫތްގެ ސަބަބުން ފިލްމު ބަލާ ވަގުތު އަޑު ގަދަވުން ފަދަ މައްސަލަތަކެއް ދިމަލެއް ނުވާނެ އެވެ.

އޭނާ ވިދާޅުވީ މީގެ 15 އަހަރު ކުރިން ސޮނޭވާ ގިލި ރިސޯޓު ހުޅުވީ ވެސް ލަގްޒަރީ ޓޫރިޒަމަށް މުޅިންއާ ކަންތައްތަކެއް ގެނެސްދެމުން ކަމަށެވެ.

"ވަރަށް ކުދި ކަންތައްތަކެއް ބަދަލުކޮށްލައިގެން ސޮނޭވާ ގިލި ބަދަލު ފެނުނީ،" ސޯނޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް ހުޅުވާ ސޮނޭވާ ޖާނީ ރިސޯޓުގައި ފަސް ރެސްޓޯރެންޓެއް ހުންނާނެ ކަމަށާއި، މީގެ ތެރޭގައި ޗީޒްގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓާއި ޗޮކްލެޓް އަދި އައިސް ކްރީމަށް ހާއްސަ ރެސްޓޯރެންޓެއް ވެސް ހުންނާނެ އެވެ.

މާކިއުރީ މޯލްޑިވްސް ކޫއްޑޫ

މިފްކޯ އިން މަސް ފެކްޓްރީ ހިންގަމުން ގެންދާ ގއ. ކޫއްޑޫ އެއާޕޯޓް ތަރައްގީކުރި ކުންފުނިން ހަދާ "މާކިއުރީ މޯލްޑިވްސް ކޫއްޑޫ" ރިސޯޓު އަންނަ މަހު ހުޅުވާއިރު، މިތަނުގައި 68 ވިލާ ހުންނާނެ އެވެ. މީގެތެރޭގައި ހިމެނެނީ 43 މޫދު ވިލާ އަދި 25 ބީޗް ވިލާ އެވެ.

އަންނަ މަހު ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހުޅުވަން ތައްޔާރުވަމުންދާއިރު، މި ރިސޯޓުތަކާއެކު ޓޫރިޒަމަށް އިތުރު 232 އެނދު އިތުރު ވެގެންދާނެ އެވެ.