ރާއްޖެ ކުޅިވަރު

ރެއާލް އާއި ބާސެލޯނާ ވެސް ފުރުސަތު ނަގާލައިފި

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ވެސް ރޭ ފުރުސަތު ނަގާލައިފި އެވެ.

ރެއާލް އެއްވަރުވީ އެއިބާއާ ވާދަކޮށް 1-1އިންނެވެ. އެއިބާ ލަނޑު ޖަހާފައި އޮއްވައި ރެއާލް އަށް ހަމަހަމަކޮށްދިނީ ފުރަތަމަ ހާފުގައި ގެރެތް ބޭލް އެވެ. ފުރަތަމަ ހާފުގައި ސެލްޓަވީގޯ ޖެހި ތިން ގޯލާއެކު ބާސެލޯނާ ބަލިވީ 4-3އިންނެވެ. ޕިއޯނޭ ސިސްޓޯ އާއި އިއާގޯ އަސްޕަސްގެ ލަނޑަށް ފަހު ސެލްޓަވީގޯގެ ތިން ވަނަ ލަނޑަކީ ޖެރެމީ މެތިއު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެ ވަނާހާފު ފަށައިގެން ޖެރާޑް ޕީކޭ ގޯލު ޖަހާފައި އޮއްވާ ލިބުނު ޕެނަލްޓީއަކުން ނޭމާ ދެ ވަނަ ގޯލު ޖަހައި ބާސެލޯނާ ހަމަހަމަކުރަން ދަނިކޮށް ބައިކޮޅަށް އިތުރު ގޯލެއް ވަނީ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން ޖެހި ގޯލަކުންނެވެ. މެޗުގެ ފަހު މިނިޓްގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ޖެހީ އަނެއްކާވެސް ޕީކޭ އެވެ.

މިނަތީޖާއާއެކު އެއްވަނާގައިވަނީ 15 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑެވެ. އެންޓޯނިއޯ ގްރިއެޒްމަން އާއި ކެވިން ގަމެއިރޯގެ ލަނޑުތަކުން ވެލެންސިއާ އަތުން މޮޅުވި އެތްލެޓިކޯ އަށް ޓޭބަލުގެ ކުރި ލިބުނީ ރެއާލްއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ ގޯލުގެ ތަފާތުންނެވެ.

ތިން ވަނާގައިވަނީ 14 ޕޮއިންޓާއެކު ސެވިއްޔާ އެވެ. ބާސެލޯނާ އޮތީ 13 ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ. ލަޔޮނަލް މެސީ ނެތި ކުޅެން ޖެހުމުން ބާސެލޯނާ މިދިޔަ ދެ މެޗުން މޮޅުވި ނަމަވެސް އެޓީމަށް ވަނީ ގިނަ މައްސަލަތަކަކާ ކުރިމަތިވެފަ އެވެ.