ކިލިޔަން އެމްބާޕޭގެ ހެޓްރިކުން އެފްސީ ބާސެލޯނާގެ މައްޗަށް 4-1 ން ކޭމްޕްނޯ ސްޓޭޑިއަމްގައި ޕީއެސްޖީން ބޮޑު މޮޅެއް ހޯދައިފި އެވެ.
އެމްބާޕޭ، ބާސާ ކޮޅަށް ހެޓްރިކް ހެދުމުން އޭނާ ވެފައި ވަނީ 1997 ގެ ފަހުން ޗެމްޕިއަންސް ލީގްގެ އަވޭ މެޗެއްގައި ބާސާ ކޮޅަށް ހެޓްރިކް ހެދިި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ޗެމްޕިއަންސް ލީގްގެ އަވޭ މެޗެއްގައި ބާސެލޯނާ ކޮޅަށް އެންމެ ފުރަތަމަ ހެޓްރިކު ހެދި ކުޅުންތެރިޔަކީ ޑައިނޯމޯ ކިއޭވްގެ ކުރީގެ ފޯވަޑް އަންޑްރޭ ޝެވެޗެންކޯ އެވެ. އެ މެޗު ކިއޭވް ކާމިޔާބު ކުރީ 4-0 ން ނެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑް ނެގީ ބާސެލޯނާ އިންނެވެ. އެ ޓީމުގެ ލަނޑު 27 ވަނަ މިނެޓްގައި ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ލިއޮނެލް މެސީ އެވެ. ޕީއެސްޖީ ލަނޑު އެމްބާޕޭ ކާމިޔާބު ކުރީ އޭގެ ފަސް މިނެޓް ފަހުންނެވެ. ޕީއެސްޖީގެ އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގަ އެވެ.
ޕީއެސްޖީން ލީޑް ނެގީ މެޗުގެ 65 ވަނަ މިނެޓްގައި އެ ލަނޑު ކާމިޔާބު ކުރީ އެމްބާޕޭ އެވެ. ޕީއެސްޖީގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ މޮއިސް ކީން އެވެ. އެމްބާޕޭ ހެޓްރިކް ހެދީ 85 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުްނެވެ.
ރެޑްބުލް ލައިޕްޒިގް އާ ދެކޮޅަށް ލިވަޕޫލް، ލައިޕޒިގްގެ ހޯމް މެޗުގެ ގޮތުގައި ހަންގޭރީގައި ކުޅެ ލިވަޕޫލް ކާމިޔާބު ކުރީ 2-0 ންނެވެ. ލިވަޕޫލްގެ ލަނޑުތައް ކާމިޔާބު ކުރީ މުހައްމަދު ސަލާހް އާއި ސެޑިއޯ މާނޭ އެވެ.