ބާސެލޯނާ

ޑެމިރް، ކޫމަންގެ ހިތް ފަތަހަކޮށްފި

ބާސެލޯނާގެ ޒުވާން ތަރި ޔޫސުފް ޑެމިރްގެ މޮޅު ކުޅުމާއި އެކު ޓީމުގެ ކޯޗު ރޮނާލްޑް ކޫމަންގެ ހިތް ފަތަހަކޮށްފި އެވެ.

އުމުރުން 18 އަހަރުގެ ޑެމިރް ބާސެލޯނާގެ އެކެޑަމީ އާއި ރަސްމީކޮށް ގުޅުނީ މިދިޔަ ޖުލައި މަހުގެ ނުވަވަނަ ދުވަހު އެވެ. އަދި އޭގެ ތިން ދުވަސް ފަހުން ބާސެލޯނާގެ ސީނިއާ ޓީމާއި ގުޅި، ޕްރީ ސީޒަން މެޗު ތަކުގައި އޭނާ ވަނީ ވިދާލާފަ އެވެ.

ޕްރީ ސީޒަންގެ ފަސް މެޗު ކުޅުނު އިރު، ޑެމިރްއަށް ގިނަ ޓެސްޓް ތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެގޮތުން ކޫމަން ވަނީ ޕްރީ ސީޒަން މެޗު ތަކުގައި ޑެމިރް މެދުތެރެއިންނާއި، ދެފަޅިން ކުރިއަށް އަދި ފޯވާޑަކަށް ވެސް ކުޅުވާފަ އެވެ. މި ހުރިހާ ޕޮޒިޝަނެއްގައި ވެސް ޑެމިރް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މެސީ ޓީމާއި ވަކިވުމުން ޓީމު އަޑިގަނޑަކަށް ވެއްޓިފައި ވަނިކޮށް ޑެމިރްގެ ފަރާތުން މޮޅު ކުޅުމެއް ފެނުމުން ގިނަ ބަޔަކު އަންނަނީ އޭނާ އަށް ތައުރީފްކުރަމުންނެވެ. އެހެންކަމުން ބާސާ އާއި ރިއަލް ސޮސައިޓީ ބައްދަލުކުރާ ލަލީގާގެ ފުރަތަމަ މެޗުގައި ޑެމިރް ފެނުން ވަރަށް ގާތެވެ.

ޑެމިރް އަކީ ބާސެލޯނާ އަށް ކުޅޭ އޮސްޓްރިއާގެ ދެވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އޮސްޓްރިއާގެ ސްޓްރައިކާ ހާންސް ކްރޭންކަލް ވަނީ ބާސެލޯނާ އަށް ކުޅެފަ އެވެ. ކްރޭންކަލް އަކީ އޮސްޓްރިއާގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑެމިރް ވަނީ ބާސެލޯނާގެ ކުޅުމުގެ ވައްޓަފާޅިއަށް ހޭނި ސަޕޯޓަރުންގެ ތާއީދު ހޯދާފަ އެވެ. އަދި ގިނަ ޕޮޒިޝަންތަކަށް ރަނގަޅު ފެންވަރުގައި ކުޅުމުން، ޓީމުގައި ޑެމިރްގެ ދައުރު ބޮޑުވެ ކޫމަން އަށް ވަނީ އޭނާ މުހިއްމު ވެފަ އެވެ.

މީގެ އިތުރުން ޑެމިރް ވަނީ ބާސެލޯނާގެ ދިރިއުޅުމުގެ ސްޓައިލަށް ހޭނިފަ އެވެ. ޓީމުގައި އެންމެ މަހެއްވީ ނަމަވެސް ޑެމިރް ވަނީ މެސީގެ ފެއާވެލްގައި ވެސް ބައިވެރިވެފަ އެވެ.