ކުޅިވަރު

16 އަހަރަށް ފަހު ލީޑްސް ޕްރިމިއާ ލީގަށް

އިނގިރޭސި ދެ ވަނަ ޑިވިޝަން ނުވަތަ ޗެމްޕިއަންޝިޕްގައި ދެ ވަނައިގައި އޮތް ވެސްޓް ބްރޮމްވިޗް، ހަޑާސްފީލްޑް އަތުން 2-0 ބަލިވުމުން އެއްވަނައިގައި އޮތް ލީޑްސް ޔުނައިޓެޑް 16 އަހަރު ފަހުން ޕްރިމިއާ ލީގުން ޖާގަ ކަށަވަރު ވެއްޖެ އެވެ.

ލީޑްސް ޔުނައިޓެޑާއި ވެސްޓްބްރޮމޮވިޗާ ދެމެދު ހުރީ ފަސް ޕޮއިންޓްގެ ފަރަގެވެ. އާޖެންޓީނާގެ ކުރީގެ ކޯޗް މާސެލޯ ބިއެލްސާ މިހާރު ކޯޗް ކޮށްދޭ ލީޑްސް، ޕްރިމިއާ ލީގްގައި އެންމެ ފަހުން ވާދަ ކުރީ 2004 ވަނަ އަހަރު އެވެ.

ކުރިން އޮތް ގޮތުންނަމަ، ޗެމްޕިއަންޝިޕް ކާމިޔާބު ކުރަން، ލީޑްސްއަށް ބޭނުންވެފައި އޮތީ ދެ ޕޮއިންޓެވެ. އެހެން ނަމަވެސް ހަޑާސްފީލްޑުން، ވެސްޓް ބޮރޮމޮވިޗް ބަލި ކުރުމުން، ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ލީޑްސްއަށް ވަނީ ލިބިފަ އެވެ. ވެސްޓް ބްރޮމޮވިޗަށް ބާކީ އޮތީ އެއް މެޗެވެ. ކްއީންސް ޕާކް ރޭންޖާސް އާ ދެކޮޅަށް ކުޅޭ އެ މެޗުން މޮޅުވިޔަސް ލީޑްސް އާ ހަމަ ކުރެވޭނެ ގޮތެއް ނެތެވެ.

ލީޑްސް އަށް ބާކީ އޮތީ ދެ މެޗެވެ. އެއީ ޑާބީ ކައުންޓީ އާއި ޗާލްޓަން އެތުލެޓިކާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މިދިޔަ ސީޒަންގައި ޕްލޭއޮފް ސެމީ ފައިނަލުގައި ޑާބީކައުންޓީ އަތުން ލީޑްސް ސބަލިވީ ހިތްދަތި ގޮތަކަށެވެ. އެހެން ނަމަވެސް އެ ޓީމުން ނިންމީ ބިއެލްސާ އާއެކު ކުރިއަށް ދިއުމަށެވެ. ބިއެލްސާގެ ގޭމްސް ސްޓައިލްގައި އޭނާއަކީ ތިރިން ކުރު ޕާސްތަކެއް ޖަހައިގެން ކުޅުވާ ކޯޗެކެވެ.

ދެ އަހަރު ވަންދެން އޭނާ ކެތްތެރި ކަމާއެކު ކުރި މަސައްކަތް ވަނީ ކާމިޔާބު ވެފަ އެވެ.