ބާސެލޯނާ

ބެރުނަބޭއުގައި ރެއާލް ބަލިކޮށްލައި ބާސާ ފައިނަލަށް

ރެއާލް މެޑްރިޑްގެ ދަނޑު، ސެންތިއާގޯ ބެރުނަބެއު ސްޓޭޑިއަމްގައި، 3-0 ން ރެއާލް ބަލިކޮށްލުމަށް ފަހު ސްޕެނިޝް ކަޕުގެ ފައިނަލަށް، ޗެމްޕިއަން އެފްސީ ބާސެލޯނާ ދަތުރު ކޮށްފި އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ ލެގް މެޗު ކުޅެފައި ވަނީ ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގަ އެވެ. އެ މެޗު 1-1 އެއްވަރުވެގެން ނިމުމުން، ރޭ އަމިއްލަ ދަނޑުގައި މެޗަށް ނިކުތް ރެއާލް މެޑްރިޑަށް އެޑްވާންޓޭޖު އޮތެވެ. އެއީ ބާސާގެ ދަނޑުގައި ޖެހި ލަނޑާއެކު އަވޭ ގޯލްގެ ފައިދާ އެވެ.

އެހެންނަމަވެސް، އެ ހިތްހަމަ ޖެހުމެއް އެޓީމަށް ނުހޯދުނެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަލާ އުފެއްދުމުގައި ފެނުނީ ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ، ރެއާލްގެ ޒުވާން ފޯވަޑް ވިނީސިއުސް ޖޫނިއާ އަށެވެ. ސާޖިއޯ ރެގްލެން ނަގައިދިން ބޯޅަ، ވިނީސިއުސް ފޮނުވާލުމުން އެ ބޯޅަ ދިޔައީ ހުރަސްދަނޑިއާ އިންޗިއެއްހައި މަތިން ބޭރަށެވެ.

ބާސާގެ ކެޕްޓަން، ލިއޮނަލް މެސީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނަނަމަވެސް، ބާސާއިން ތަފާތު ގެނައީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި، އުސްމާން ޑެމްބެލޭ އާއި ލުއިސް ސުއަރޭޒްގެ ކޮމްބިނޭޝަން ބޭނުންކޮށްގެން ސުއަރޭޒް ވަނީ ބާސާއަށް ލީޑް ނަގައި ދީފަ އެވެ.

ބާސާގެ ދެ ވަނަ ލަނޑަކީ، ރެއާލްގެ ޑިފެންޑަރު، ރަފޭލް ވަރާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ތިން ވަނަ ލަނޑަކީ، ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުން ސުއަރޭޒް އެވެ.

މެއި މަހު 25 ގައި ކުޅެން ހަމަޖެހިފައިވާ ފައިނަލު މެޗުގައި، ބާސާއާ ދެކޮޅަށް ނިކުންނަން ޖެހޭ ޓީމެއް ޔަގީން ވަނީ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ، ރެއާލް ބެޓިސް އާއި ވެލެންސިއާ ކުޅޭ މެޗުންނެވެ. މި ދެ ޓީމު ބެޓިސްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.