ބާސެލޯނާގައި ލިއޮނަލް މެސީ ހުރިިއިރު، ރެއާލް މެޑްރިޑް އަތުގައިވެސް ވަރުގަދަ ހަތިޔާރު އެބަހުރި ކަމަށް ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.
މި ސީޒަންގެ ފުރަތަމަ އެލްކުލެސިކޯ ގައި މިރޭ، ރެއާލް މެޑްރިޑާއި ބާސެލޯނާ، ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި ބައްދަލު ކުރާނެ އެވެ. މެޗަށް ދެ ޓީމު ނުކުންނައިރުވެސް ދެ ޓީމުވެސް އޮތީ ރަނގަޅު ފޯމެއްގަ އެވެ. ދެ ޓީމަށްވެސް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ.
އެލްކުލެސިކޯ ކުޅެން މި ރާވަނީ އަސްލު އޮތް ތާރީހަށް ވުރެ ދެ މަސް ފަހުންނެވެ. ޝެޑިއުލް އަށް ގެނައި ބަދަލާ ބެހޭގޮތުން ޒިދާން ބުނީ، އޭނާ އަށް އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
"އަހަންނަށް އެނގެނީ ދަނޑުމަތީގެ ކަންކަން، އަހަންނަށް އެނގޭ އެއްޗަކީ ކުޅިބަލާ މީހުން ދެ ޓީމުގެ ފަރާތުންވެސް ފެންނަން ބޭނުންވަނީ ވަރުގަދަ ފުޓްބޯޅަ މެޗެއް ކަން،" ޒިދާން ބުންޏެވެ. "އެއީ ފުޓްބޯޅަ މެޗެއް، އަހަރެމެން ބޭނުންމީ ބާސާ އާ ދެކޮޅަށް ހައި އިންޓެންސިޓީގެ ފުޓްބޯޅައެއް ކުޅެން، އަހަންނަށް ޔަގީން ބާސާވެސް ވިސްނާނީ އެގޮތަށް ކަން."
"އަހަންނަށް އެނގޭ އަހަރެމެން ކުރިމަތި މިލަނީ ކިހާފެންވަރެއްގެ ޓީމަކާ ކަން، އެ ޓީމުގައި މެސީ އެބަހުރި، އެކަމަކު އަހަރެމެން އަތުގައިވެސް ހަތިޔާރު އެބަހުރި."
ރެއާލްގެ ކޯޗް ކަމާ 2016 ވަނަ އަހަރު ޒިދާން ހަވާލުވެ، އޭނާ ވަނީ ޓީމުގެ މިޑްފީލްޑްގެ މުހިންމު ރޯލެއް ކާލޯސް ކަސަމީރޯ އާ ހަވާލު ކޮށްފަ އެވެ. ޒީދާން އަލުން އެނބުރި އައިސް އޭނާ ވަނީ މިޑްފީލްޑްލައިންގައި ފޭޑޭ ވަލްވާޑޭ އަށް މުހިންމު ރޯލެއް ދީފަ އެވެ. އުމުރުން 21 އަހަރުގައި ވަލްވާޑޭ ދަނީ ރެއާލްގެ މިޑްފީލްޑްގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
"ރެއާލް މެޑްރިޑްގައި އަހަރެމެންނަށް ވަލްވާޑޭ ހޯދިއްޖެ، އޭނާއަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ކުޅުންތެރިޔެއް އެއީ މި ކުލަބުގެ ވެލިއު އަކީވެސް، ބުރަކޮށް މަސައްކަތް ކުރުން."
ކޭމްޕްނޫގައި ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 12:00 ގަ އެވެ. ރާއްޖެއިން މެޗު ބަލަން ޖެހޭނީ ލަލީގާގެ ޕޭޖު މެދުވެރިކޮށް ފޭސްބުކް ލައިވްއިންނެވެ.