ބާސެލޯނާ

އެލްކްލެސިކޯގެ ރެކޯޑްގައި ބާސާއިން ގަދަވެ ގަނެއްޖެ!

ތިން ދުވަސް ތެރޭ، ދެ ފަހަރަށް ރެއާލް މެޑްރިޑްގެ ބަލިކޮށް، ދެ ޓީމުގެ ކުރިމަތިލުންތަކުގެ ރެކޯޑްގައި އެފްސީ ބާސެލޯނާއިން ރެއާލްގެ މައްޗަށް ގަދަވެ ގަނެއްޖެ އެވެ.

ތިން ދުވަސް ކުރިން، ސްޕެނިޝްކަޕުގައި ބާސެއިން ވަނީ ރެއާލްގެ ދަނޑުގައި ކުޅުނު މެޗު 3-0 ން މޮޅުވެފަ އެވެ. ރޭ ސްޕެނިޝް ލަލީގާގައި، ރެއާލްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ، 1-0 ންނެވެ.

އެލްކްލެސިކޯގެ ނަމުން މަޝްހޫރު ވެފައިވާ، ސްޕެއިންގެ ދެ ބާރުގެ ކުރިމަތި ލުމުގެ ރެކޯޑްގައި މިހާރު ކުރީގައި އޮތީ ބާސާ އެވެ. މެޗާ ހަމައަށް އެލެކްލެސިކޯ މޮޅުވުމުގެ ރޭހުގައި ދެ ޓީމަށްވެސް މާކުސް ލިބެނީ އެއް ވަރަކަށެވެ. ދެ ޓީމު ވަނީ ދެ ޓީމުގެ ކުރިމަތިލުން ތަކުގައި 95 މޮޅު ހޯދާފަ އެވެ.

އީވާން ރަކިޓިޗްގެ ލަނޑާއެކު، ބާސާއިން ވަނީ މޮޅުވުމުގެ ރޭސް 96 ށް ޖައްސާލާފަ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން، ކްރޮއޭޝިއާގެ މިޑްފީލްޑަރު ބުނީ، ރެއާލްގެ ދަނޑުގައި ތިން ދުވަސްތެރޭ އެ ޓީމު ބަލި ކުރުމަކީ ކޮންމެ ކޮންމެ ޓީމަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މެޗުން މޮޅުވެ، ބާސާއިން ވަނީ ލީގް ހޯދުމުގެ ހަރުފަތުގައި ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. ބާސާ އާއި ރެއާލްއާ ދެމެދު މިހާރު 12 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ.

ކުރިން، ހަތަރު ވަނައިގައި އޮތް ސެވިއްޔާއިން، ރޭ ހުއެސްކާ އަތުން ބަލިވުމުން ވަނީ ތާވަލުގެ ހަ ވަނަ އަށް ވެއްޓިފަ އެވެ. ލީގް ތާވަލުގެ ފުލުގައި އޮތް ހުއެސްކާ އަތުން ސެވިއްޔާ ބަލިވީ 2-1 ންނެވެ.

ސެވިއްޔާ ބަލިވުމުގެ ފައިދާ ލިބުނީ، ވިޔަ ރެއާލްގެ މައްޗަށް ކުރި ހޯދި ޑިޕޯޓިވޯ އަލަވޭޒް އަށެވެ. ވިޔަރެއާލް 2-1 ން ބަލިކޮށް އަލަވޭޒް ވަނީ ހަތަރު ވަނަ މަގާމަށް ޖެހިލާފަ އެވެ.