އެސްޕަންޔޯލްގެ މައްޗަށް 1-0 ން މޮޅުވެ، އެ ޓީމު ރެލިގޭޓް ކޮށްލުމަށް ފަހު އެފްސީ ބާސެލޯނާއިން ލަލީގާ ހޯދުމުގެ އުންމީދު އަލުން އާ ކޮށްފި އެވެ.
ބާސެލޯނާގެ ސިޓީއަށް ނިސްބަތްވާ އެސްޕަންޔޯލް އޮތީ ތާވަލުގެ ފުލުގަ އެވެ. ކުރިއަށް އޮތް ތިން މެޗުން އެ ޓީމު މޮޅުވިޔަސް ރެލިގޭޝަން ޒޯނަށް ވުރެ މައްޗަށް ކުރިއަށް ދެވޭނެ ގޮތެއް ނެތެވެ. މިދިޔަ ސީޒަންގައި ލަލީގާގެ ހަތް ވަނަ ހޯދައިގެން، މި ސީޒަންގައި ޔޫރޮޕާ ލީގްގައި ވާދަ ކުރަން ނުކުތް އެސްޕަންޔޯލް ނުކުތީ ވަރުގަދަ ސީޒަނަކަށް ހެދުމަށެވެ. ޔޫރޮޕާ ލީގްގެ ގުރޫޕް ސްޓޭޖުގައި ގުރޫޕްގެ އެއް ވަނަ ހޯދައިގެން ދެ ވަނަ ބުރަށް ދަތުރު ކުރި އެވެ.
ޑޮމެސްޓިކް ލީގްގައި ފުރަތަމަ ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ބަލިވި އެވެ. އެ ޓީމު މިހާރުގެ ކޯޗް ފްރެންޗިސްކޯ ރުފޭޓޭ އަކީ މި ސީޒަންގައި އެ ޓީމުގައި މަސައްކަތް ކުރާ ހަތަރު ވަނަ ކޯޗެވެ. އޭނާ ކުރިން ހުރީ އެ ޓީމުގެ ސްޕޯޓިން ޑައިރެކްޓަރުގެ މަގާމުގަ އެވެ. ސްޕެއިންގެ ޔޫތު ސިސްޓަމްގައި އެންމެ ރަނގަޅު ޒުވާން ކުޅުންތެރިން ތިބީ އެސްޕަންޔޯލް ޒުވާން ޓީމުތަކުގަ އެވެ. އެ ޓީމު ރެލިގޭޓް ވުމުން ކުލަބުގެ ހިއްސާ އޮންނަ ޗައިނާގެ ރަސްޓާ ގުރޫޕަށް ވަނީ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒު ވެފަ އެވެ. ޖަނަވަރީ 2016 ގައި އެ ކުންފުނިން ވަނީ އެސްޕަންޔޯލްގެ 54 ޕަސަންޓް ހިއްސާ ގަނެފަ އެވެ. މިއަހަރާ ހަމައަށް އައިރު ކުލަބުގެ ޓޮޓަލް ހިއްސާ ގާތްގަނޑަކަށް މިލްކު ކޮށްފައި ވަނީ އެ ކުންފުނިންނެވެ.
އަބަދުވެސް ބާސެލޯނާއަށް ވުރެ ފަހަތުގައި އޮންނާތީ އެ ކުލަބަށް އޮންނަ ފާޑު ކިޔުން ބޮޑެވެ. ފެންވަރުގެ ގޮތުން ދެ ޓީމުގެ ދެމެދުގައި ކިތަންމެ ބޮޑު ތަފާތެއް ހުއްޓަސް ދެ ޓީމުގެ ކުރިމަތިލުން ތަކަކީ އަބަދުވެސް ފޯރިގަދަ ކުރިމަތި ލުންތަކެކެވެ. ދެ ޓީމުގައިވެސް އެއް ކުލަބު އަނެއް ކުލަބަކަށް ތަފާތުވާ އައިޑެންޓިޓީއެއް އޮވެއެވެ. ބާސެލޯނާ އާ ދެކޮޅަށް ކުޅޭއިރު އެސްޕަންޔޯލްއަށް އިތުރު ހިތްވަރެއް ލިބެ އެވެ.
ރޭ ކޭމްޕްނޯގައި ކުޅުނު މެޗުގައިވެސް ބާސާ މޮޅުވީ 1-0 ންނެވެ. އެ ޓީމު ލަނޑު ކާމިޔާބު ކުރީ ލުއިސް ސުއަރޭޒް އެވެ. ބާސާގެ ކެޕްޓަށް ލިއޮނަލް މެސީ ފޮނުވާލި ބޯޅަ އެސޕަންޠޯލްގެ ޑިފެންޑަރު ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ގޯލް ކުރިމަތީގައި ހުރެ ސުއަރޭޒް ވަނީ ގޯލްގެ ތެރެއަށް ފޮނުވާލަފަ އެވެ.
ދެ ވަނަ ހާފުގައި ކުޅެން ނުކުތް ބާސާގެ އަންސްމާން ފާޓީ (އަންސޫ ފާޓ) އަށް ވަނީ ބޯޅަ ހޯދަން އޭނާ ކުރި ޗެލެންޖުގައި ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އޭގެ ތިން މިނެޓް ފަހުން އެސްޕަންޔޯލްގެ ޕޮލް ލޮޒާނޯ ކުރި ޗެލެންޖަށްވެސް އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.
މެޗުން މޮޅުވެ ބާސާ ވަނީ، އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ އެއް ޕޮއިންޓަށް ކައިރި ކޮށްފަ އެވެ. ހުކުރު ދުވަހުގެ ރޭ ޑިޕޯޓިވޯ އަލަވޭޒް އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ރެއާލް އަށް ހަތަރު ޕޮއިންޓަށް ލީޑް ފުޅާ ކުރެވޭނެ އެވެ.