ހަބަރު

ދޯންޏަކުން ފޯނުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

Oct 3, 2016

މާލޭ ފަޅުގައި އަޅާފައި އޮތް ދޯންޏަކުން ފޯނުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެއްސެކެވެ. ފުލުހުން ބުނީ މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު 4:59 ހާއިރު އާއްމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން މާލޭ ފަޅުތެރޭގައި އޮތް ދޯންޏަކުން ފޯނުތަކެއް ވަގަށް ނަގައިގެން ފިލަން އުޅުނުކަމުގެ ތުހުމަތުގައި ދޯނި ކައިރިން ކަމަށެވެ.

އެ މީހާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު އެދޯނިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސްމާޓް ފޯނާއި އެ މީހާ އެސަރަޙައްދަށް އައި ސައިކަލުގެ މަޑި ދަށުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ އާދައިގެ ދެ ފޯނު ފެނިފައިވާ ކަމަށްވެ އެވެ.

މި މީހާއަކީ ވައްކަން ކުރުމާއި ފޭރުމާއި މަސްތުވާ ތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.