ހަބަރު

ކެނިބިސް އެތެރެ ކުރި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލުމަށް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލާގައި ހުކުމްކޮށްފައި ވަނީ ވ. ފެލިދޫ، ބޮޑުކުންނާރުގެ، އުމުރުން 20 އަހަރުގެ ޖަމީލް އަލީގެ މައްޗަށެވެ.

ދައުލަތުން ޖަމީލްގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލީ ފެލިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޭނާ ގެންގުޅުނު ކޮތަޅެއްގެ ތެރޭގައި އޮތް ރިހާކުރު ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ މައްސަލާގައި މިދިޔަ ޖޫން މަހު ނުވަ ވަނަ ދުވަހުގައެވެ.

ޖަމީލްގެ މައްޗައް ކޯޓުން ކުރި ހުކުމުގައި ބުނަނީ ޖަމީލްގެ މައްޗަށް ކޮށްފައިވާ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއަށް އޭނާގެ އިއުތިރާފުން އެކަށީގެންވާ ޝައްކެނެތް މިންވަރަށް ސާބިތުވާތީ، އޭނާ ކުށްވެރިވާކަމަށް ކަނޑައަޅާ ކަމަށެވެ. އަދި ޖަމީލް އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ދެއްކުމަށް ހުކުމް ކުރާ ކަމަށެވެ.