ހަބަރު

މުޒާހަރާކުރީ ހަމަނުޖެހުން އުފައްދާކަށް ނޫން: އެމްޑީޕީ/ ޖޭޕީ

Feb 28, 2015

ޖޭޕީ/ އެމްޑީޕީން އިއްޔެ މާލޭގައި މުޒާހަރާކުރީ ހަމަނުޖެހުން އުފައްދަން ނޫން ކަމަށާއި، ސަރުކާރާ ދެކޮޅަށް އޮތް "ބައި" ދައްކާލަން ކަމަށް އެ ދެ ޕާޓީން މިއަދު ބުނެފި އެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އެމްޑީޕީން އިއްޔެ ބޭއްވި މުޒާހަރާތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ އިއްޔެ މުޒާހަރާއިން ބޭނުންވާ "މަންޒަރު" ދައްކާލެވިއްޖެ ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ އިއްޔެގެ މުޒާހަރާ ދިޔައީ ރޭވި ގޮތަށް ކަމަށެވެ.

"ދެ ޕާޓީ މަޝްވަރާ ކޮށްގެން ކުރިއަށް ދިޔައީ. މުޒާހަރާ ކުރިއަށް ދިޔައީ ވަގުތާ ހާލަތާ އެއްގޮތަށް ބަދަލު ކުރާ ގޮތަށް،" އިބޫ ވިދާޅުވި އެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން އިއްޔެ ބޭއްވި މުޒާހަރާ ނިމުނުކަން އިއުލާނު ކުރިކަން ހައެއް ޖެހުމާއި އެކު އިއުލާނު ކުރިއެވެ. ނަމަވެސް އޭގެ ފަހުން ވެސް އެއްވުން ކުރިއަށް ދިޔަ އެވެ. އަދި މި އެއްވުމުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގާފަ އެވެ.