ހަބަރު

ރޭގެ ފޭރުމާ ގުޅިގެން ހަދަމުން ދާ އިމާރާތެއް ފާސްކޮށްފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު ރޭ "ވެސްޓަން ޔޫނިއަން" ގެ އޮފީހަށް ވަދެ، އެތަނުގެ މުވައްޒަފުން ބަނުމަށް ފަހު، އެތަނުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައާ ގުޅިގެން އެ އޮފީހުގެ އަނެއް ކަންމަތީގައި ހަދަމުން ފުލުހުންގެ އިމާރާތެއްގެ ތެރެ ބަލައި ފާސްކޮށްފި އެވެ.

މޫނު ނިވާކޮށްގެން ތިބި، ފުލުހުންގެ ސްވޮޓް ޓީމުން މިއަދު ހަވީރު ވަދެ، ފާސްކޮށްފައި ވަނީ ފުލުހުންގެ ބޭނުމަކަށް ޓަކައި ހ. ފޯ ވިންޑްސްގައި ހަދަމުން އަންނަ 10 ބުރީގެ އިމާރާތުގެ އެތެރެ އެވެ. އެ ގެ ބަލައި ފާސްކުރަމުންދާ ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ފުލުހުން ބުނީ އިތުރު ތަފްސީލް ދެވޭނީ އޮޕަރޭޝަން ނިމުމުން ކަމަށެވެ.

އެ ސަރަހައްދުގައި ހުރި "އަވަސް" ގެ ފޮޓޯ ގްރާފަރު ބުނީ، ދެ މީހަކު އެ އިމާރާތުގެ ތެރެއިން ފުލުހުން ހައްޔަރުކޮށްގެން ގެންދިޔަ ކަމަށެވެ. އެކަމަކު ފުލުހުން ބުނީ، އެއީ އެ މައްސަލައިގައި ހައްޔަރު ކުރި ބައެއް ނޫން ކަމަށެވެ.

މޫނު ނިވާކޮގެން ތިބި ބަޔަކު ވެސްޓަން ޔޫނިއަންއަށް އޮފީސް ތެރެއަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވަނީ ރޭ 12:45 ހާއިރު އެވެ. އެމީހުން ވަނީ ވެސްޓާން ޔޫނިއަން އޮފީސް ތެރެއަށް ވަދެ އެތަނުގައި ތިބި މުވައްޒަފުން ބަނދެ ވަޅިން ބިރު ދައްކައިގެން ފައިސާ ނެގުމަށްފަހު ފިލާފަ އެވެ. ފުލުހުން މިއަދު ބުނީ، ވެސްޓާން ޔޫނިއަން އިން ވަގަށް ނެގި ފައިސާގެ ބައެއް ހ. ތާޅަފިލިގޭ ސިޑި ގޮޅި ތެރެއިންނާއި އެގެއާ ކައިރި މަގުތަކުން ވެސް ފެނިފައިވާ ކަމަށެވެ. ހ. ތާޅަފިލި ގެއަކީ ހަދަމުން އަންނަ ގެއެކެވެ.

މި ފޭރުމުގައި ގެއްލިފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.