ހަބަރު

ރާއްޖެއަށް 27 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި ދިވެހިންތަކެއް ހައްޔަރުކޮށްފި

Oct 3, 2016
1

ކަސްޓަމްސް އިން ހިންގި ތަފާތު ދެ އޮޕަރޭޝަނެއްގައި ރާއްޖެއަށް، ޖުމްލަ 27 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދިވެހިންތަކެއް އަތުލައިގެންފި އެވެ.

މިދޔަ މަހުގެ 30 ވަނަ ދުވަހު ހެނދުނު 10:30 ހާއިރު އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެއައި ދިވެއްސެއްގެ ލަގެޖް ޗެކްކުރި ފެނިފައި ވަނީ، 7.27 ކިލޯގެ ހަޝިޝް އޮއިލް އާ 1.09 ކިލޯގެ ހެރޮއިން ކަސްޓަމްސް އިން ބުންޏެވެ. ކަސްޓަމްސް އިން ބުނީ، އެ ދެ މީހުންނަކީ 21 އަހަރުގެ މީހަކާއި 16 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ.

ކަސްޓަމްސް އިން ބުނީ، ކާއެއްޗިހި ބަންދު ކުރާ ގޮތަށް ބަންދުކޮށްފައި ހުރި އެތަކެތި އެ މީހުން ގެނެސްފައި ވަނީ އިންޑިއާގައި ހުރި މީހަކު އެމީހުން އަތަށް ދީގެން ރާއްޖޭގައި ހުރި މީހަކާ ހަވާލުކުރަން ކަމަށެވެ. މިތަކެތި އެ މީހާއާ ހަވާލު ކުރުމަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގުމަށް ފަހު ރާއްޖެއިން އެތަކެއްޗާ ހަވާލުވި މީހާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އެ އޮޕަރޭޝަންގެ ތެރެއިން، އެ މީހާ އެތަކެތި ގެންދިޔަ ގެ ބަލައި ފާސްކޮށް، 434.28 ގްރާމްގެ ހަޝިޝް އޮއިލްއާ އެކު ދެ މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ.

ކަސްޓަމްސް އިން ހިންގި ދެވަނަ އޮޕަރޭޝަންގައި މިދިޔަ ހޮނިހިރު ދުވަހު ބެންގަލޫރް އިން ރާއްޖެއައި ދިވެއްސެއްގެ އަތުން ފެނިފައި ވަނީ 10 ކިލޯ ހުރި ހަޝިޝް އޮއިލް ޕެކެޓްތަކެކެވެ. އެ ތަކެއްޗަކީ ވެސް މާލޭގައި ހުރި މީހަކާ ހަވާލު ކުރަން ގެނައި އެއްޗިހިތަކެއް ކަމަށް ފުލުހުން ބުންޏެވެ.

ފާޑުފާޑުގެ ރަބަރު ޕެކެޓް ތަކާއި، ޖޫސްޕެޓީ ކޮތަޅު އަދި ފިލްމު ހުސްކުރި ދަޅު އަދިވެސް އެހެނިހެން ގޮތްގޮތަށް ބަންދުކޮށްފައި ހުރި އެތަކެއްޗާ ހަވާލުވާ މީހުން ބެލުމަށް ޓަކައި ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި އެއާޕޯޓުން މީހަކު ހައްޔަރު ކުރި އިރު އޭނާ އެތަކެތި ހަވާލު ކުރި ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.