ހަބަރު

އޮލިމްޕިއަންސް ވިތު ޔޫތު: މިފަހަރުގެ ޝޯ މާ ފޯރިގަދަވާނެ

Oct 4, 2016

އޮލިމްޕިއަންސްގެ ރަންޒަމާނުގެ ކުލަ އާއި މިއުޒިކާއި އަޑު މިފަހަރު އޮލިމްޕަހުގެ ސްޓޭޖަށް ބަންޑުންވާނީ ހިތްތައް ފަތަހަކޮށްފައިވާ، މޯލްޑިވިއަން އައިޑޮލްގެ ސުޕަސްޓާރުންނާ ވެސް އެކުގައި ކަމަށްވާތީ އެވެ. އެހެންވީމަ އަންނަ އަންގާރަ އަދި ބުދަ ދުވަހުގެ ރޭ ބާއްވާ މި ޝޯ އަކީ އެއްގޮތަކަށް ވެސް ދޫކޮށްލައިގެންވާނެ ޝޯއެއް ނޫނެވެ.

ޝޯގެ ޓިކެޓްތައް ދަނީ މިހާރު ވެސް އޮލިމްޕަހުން ނިކަން ހަލުވިކަމާ އެކު ވިކެމުންނެވެ. މި ޝޯ އިންތިޒާމްކުރާ، ނެޝެނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފައި ވަނީ ޓިކެޓްގެ ވިޔަފާރި ރަނގަޅުކަމަށާއި ފުރަތަމަ ޝޯ މިހާރު ވެސް ގާތްގަނޑަކަށް ފުލްވެއްޖެ ކަމަށެވެ.

ރަންޒަމާނުގެ ލެޖެންޑް، އިބްރާހިމް ހަމްދީ އާއި އޮލިމްޕިއަންސްގެ އެހެން ތަރިންނާ އެކު މިފަހަރު އަންނަ ހާއްސަ ލަވަކިޔުންތެރިންގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރި ލައިޝާ ޖުނައިދު އާއި އައިޑޮލްގެ ރަނަރަޕް، ޝަލަބީ އިބްރާހިމްގެ އިތުރުން މުހައްމަދު އިޝާން ވެސް ލަވަ ހުށަހަޅައިދޭނެ އެވެ.

އައިޑޮލް އާއި ޒުވާން އެހެން ތަރިންނަށް ބަލާއިރު މީރާ މުހައްމަދު އާއި އަޝްރާ އަދި ބަތޫލް އާއި ރިޒޫގެ އިތުރުން އައިޑޮލް އިން ވިދާލި ފާތިމަތު އަޒްލީމާ އަދި ޝިފާ ވެސް ސްޓޭޖުން ފެނިގެންދާނެ އެވެ.

ތަޖުރިބާކާރު ލަވަކިޔުންތެރިންގެ ތެރެއިން މޯލްޑިވިއަން އައިޑޮލްގެ ޖަޖު ކުޑައިއްބެ އާއި ކުރީގެ ޖަޖު އައްމަޑޭގެ އިތުރުނ ތޭރަވާ އަބްދުލްޣަނީގެ ދެމަފިރިން ވެސް މި ޝޯގައި ލަވަކިޔާނެ އެވެ.

ޒުވާނުންގެ މެދުގައި މަޝްހޫރު އަދި އެހާމެ މަގްބޫލު ކުޅަދާނަ ލަވަކިޔުންތެރިޔާ ރިޝްވާން އައިމަން ވެސް އޮލިމްޕިއަންގެ މި ޝޯގައި ޕާފޯމްކުރާނެ އެވެ.

މިއީ ޒުވާން ފަންނާނުންނާއި ލަވަކިޔުންތެރިންނާ އެކު އޮލިމްޕިއަންސް ބޭންޑް މިގޮތަށް ބާއްވާ ތިން ވަނަ ޝޯ އެވެ. އެންސީއޭ އިން ބުނެފައި ވަނީ ޝޯގައި ގިނައިން އިވިގެންދާނީ ރަންޒަމާނުގެ ލަވަތައް ކަމަށާއި ޒުވާން ގިނަ ފަންނާނުން އަދި ބޭނުންވަނީ އެންމެ ކުރީގެ ސްޓައިލްތަކަށް ޕާފޯމްކުރަން ކަމަށެވެ.

އޮލިމްޕިއަންސްގެ ތަރިންގެ ތެރޭގައި ސޮފޫރާ ހަލީލް، މަހްމޫދާ ޝަކީބް، ފާތިމަތު ރައޫފް، އާދަމް ޝަރީފް އަދި އަހުމަދު ރަޝީދު ފަދަ ތަރިން ފެނިގެންދާނެ އެވެ.