އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން ރޭ ބޭއްވި މުޒާހަރާގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
އަލިކިލެގެފާނުމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި އެމްޑީޕީ އާއި ޖޭޕީން މުޒާހަރާ ކުރަމުން ދަނިކޮށް ގްރޫޕަކުން ވަނީ ދެ ތިން ފަހަރެއްގެ މަތިން އެ މުޒާހަރާ ތެރެއަށް ވަދެ، އެތަނުގައި ތިބި ބައެއް މީހުންނަށް ހަމަލާދީ ނޫސްވެރިންނަށް ވެސް ބިރު ދައްކައިފަ އެވެ.
ރޭގެ މުޒާހަރާއާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ހަމަނުޖެހުން ހިންގި މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން މިހާރު ބަންދުގައި ތިބީ ކިތައް މީހުން ކަން ދަންނަވަން ދަތި ކަމަށެވެ. އަދި އެކަން ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަކި މީހެއްގެ ނަން ނުދެންނެވިޔަސް މުޒާހަރާގެ ތެރޭގައި ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން ބަޔަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ތިބި ވާހަކަ މިދަންނަވަނީ،" ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ހަމްދޫން ވިދާޅުވި އެވެ.
ހަމްދޫން ވިދާޅުވީ ރޭގެ މުޒާހަރާގައި އަމަން ނަގާލަން މަސައްކަތް ކުރިކަމުގެ ތުހުމަތު ކުރެވޭ 28 މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށާއި އޭގެ ތެރޭގައި ކުޑަކުއްޖަކާޢި ދެ ބިދޭސީއަކު ވެސް ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރު ކުރުމުން 10 މީހަކު 10 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި ބާކީ ހުރި މީހާ ޝަރުތުތަކާ އެކު ދޫކޮށްލާފައިވާ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.
ހަމްދޫން ވިދާޅުވި ގޮތުގައި ބައެއް މީޑިއާތަކުން ގިނަ އަދަދެއްގެ ނޫސްވެރިން އެއް ސަރަހައްދެއް ކަވަރު ކުރަން ތިބޭތީ ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުންނަށް ދަތިވެފައިވާ ކަމަށެވެ.