ހަބަރު

ރޭ ފޭރިގަތް ފައިސާގެ ތެރެއިން 6.1 މިލިއަން ރުފިޔާ ފެނިއްޖެ: ފުލުހުން

ރޭ ދަންވަރު މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓާން ޔޫނިއަން ތެރެއަށް ވަދެ އެތަނުގެ މުވައްޒަފުން ބަނުމަށްފަހު ފޭރުނު ފައިސާގެ ތެރެއިން 6.1 މިލިއަން ރުފިޔާ ހޯދައިފި އެވެ.

ފުލުހުން ބުނީ ރޭ ފޭރުނު ފައިސާގެ ތެރެއިން 1.2 މިލިއަން ރުފިޔާ އާއި 321،603 އެމެރިކާ ޑޮލަރު ހޯދައި ބެންކަށް ޖަމާކޮށްފައިވާ ކަމަށެވެ.
ފޭރުނު ފައިސާގެ ޖުމްލަ އަދަދު އަދިވެސް ހޯދިފައެއް ނުވެ އެވެ. އެ ފައިސާތައް ފެނިފައި ވަނީ، ހަދަމުން އަންނަ، ހ. ތާޅަފިލިގޭ ސިޑި ގޮޅި ތެރެއިންނާއި އެގެއާ ކައިރި މަގުތަކުންނެވެ.

މި މައްސަލަޔާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން އަންނަނީ ބުނަމުންނެވެ. އެހެން ނަމަވެސް މިއަދު ހަވީރުގެ ވަގުތެއްގައި ފުލުހުންގެ ސްވޮޓް ޓީމުން، ހ. ފޯ ވިންޑްސްގައި ހަދަމުން އަންނަ ފުލުހުންގެ 10 ބުރީގެ އިމާރާތުގެ ތެރެ ބަލައި ފާސްކޮށްފައިވެ އެވެ. އެތަން ފާސްކުރީ އެކަމާ ގުޅިގެން ކަމަށް ފުލުހުން ބުނި ނަމަވެސް، އެތަނުގެ ތެރެއިން ދެ މީހަކު ހައްޔަރު ކުރީ އެ މައްސަލައިގައި ނޫން ކަމަށް ފުލުހުން ބުންޏެވެ.

މޫނު ނިވާކޮގެން ތިބި ބަޔަކު ވެސްޓަން ޔޫނިއަންއަށް އޮފީސް ތެރެއަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވަނީ ރޭ 12:45 ހާއިރު އެވެ. އެމީހުން ވަނީ ވެސްޓާން ޔޫނިއަން އޮފީސް ތެރެއަށް ވަދެ އެތަނުގައި ތިބި މުވައްޒަފުން ބަނދެ ވަޅިން ބިރު ދައްކައިގެން ފައިސާ ނެގުމަށްފަހު ފިލާފަ އެވެ.