ދުނިޔެ

މިހިން ލަންކާގެ ދަތުރުތައް މި މަހުގެ ނިޔަލަށް ހުއްޓާލަނީ

ސްރީލަންކަން އެއާލައިންސްގެ ބަޖެޓް އެއާލައިން، "މިހިން ލަންކާ" ގެ ދަތުރުތައް އެކީ ހުއްޓާލަން އެ އެއާލައިނުން ނިންމައިފި އެވެ. އެ އެއާލައިނުން ކުރި ދަތުރުތައް ދެން ކުރާނީ ސްރީލަންކަން އެއާލައިންސް އިންނެވެ.

މިކަން އިއުލާނުކޮށް އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެކުންފުނީގެ ދަތުރުތައް ހުއްޓާލާނެ ކަމަށެވެ. އަދި އެކުންފުނިން އެގޮތަށް ނިންމީ ލަންކާގެ ލޯކަލް އޭވިއޭޝަން އިންޑަސްޓްރީގެ އޮނިގަނޑު ހަރުދަނާކޮށް ފުޅާކޮށް ތަރައްގީކުރަން އެގައުމުގެ ސަރުކާރުން ގެންގުޅޭ ދުރު މުސްތަގްބަލްގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ގޮތުން ކަމަށެވެ.

މިހިލް ލަންކާއިން އަންނަނީ ރާއްޖެއަށް ވެސް ދަތުރު ކުރަމުންނެވެ. މިހިން ލަންކާއިން ދަތުރުކުރި މަންޒިލްތަކަށް ކުރިއަށް އޮތްތަނުގައި ސްރީލަންކަން އެއާލައިނުން ދަތުރު ކުރާނެ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެ އެވެ.

މިހިން ލަންކާ އަކީ ލަންކާގެ އެތެރޭގައި އާއި ބޭރުގެ ގިނަ ގައުމުތަކަށް ދަތުރުކުރާ އެއާ ލައިނެކެވެ. އަދި އެ އެއާލައިނަކީ ލަންކާގެ ރީޖަނަލް އަދި ޓުއަރިޒަމް ދާއިރާ ކުރިއެރުވުމުގައި ބޮޑު ރޯލެއް އަދާކޮށްފައިވާ އެއާލައިނެއްވެސްމެ އެވެ.

މިހިން ލަންކާއިން ދަތުރުކުރާ ބައެއް މަންޒިލްތަކުގެ ތެރޭގައި ބަހްރެއިން، ޑާކާ، ޖަކާޓާ، ލާހޫރު، ރާއްޖެ، ސީޝެލްސް އަދި އިންޑިއާގެ ގިނަ ސްޓޭޓްތައް ހިމެނެ އެވެ. މިހިން ލަންކާއިން ބުނީ އެ އެއާލައިނުގެ ނުވަ އަހަރު ދުވަހުގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ.