ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އޭޑީކޭއަށް ގެނެސް ފަރުވާ ދިނުމަށްފަހު ދާދިދެންމެއަކު އަނބުރާ ދޫނިދޫއަށް ގެންގޮސްފި އެވެ.
ނާޒިމް އޭޑީކޭއަށް ގެނައީ ފުލުހުން ބުނި ގޮތުގައި ނާޒިމްގެ އެދިލެއްވުމަކަށެވެ. އަދި ފަރުވާ ދިނުމަށް ފަހު ނާޒިމް އަނބުރާ ދޫނިދުއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާއިލާގެ މެންބަރަކު ވިދާޅުވީ ނާޒިމް ގެނައީ އާއިލާއަށް ވެސް ނޭނގި ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކީ ދަތެއްގައި ރިއްސާތީ ކަމަށް އެނގިފައިވާ ކަމަށެވެ.
ނާޒިމް އޭޑިކޭއަށް ގެނައި ފަހުން އަނބިކަނބަލުންނާއި އާއިލާގެ މެންބަރުން ވެސް ވަނީ މިރޭ އޭޑީކޭއަށް ޒިޔާރަތްކޮށްފައެވެ. އަދި ޕީޕީއެމުން ދާދި ފަހުން ވަކިކުރި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވެސް އޭޑީކޭއަށް ވަޑައިގަތެވެ.
ދައުލަތުން ނާޒިމަށް ކުރާ ޓެރަރިޒަމްގެ ދައުވާ ކުރި އިރު ބުނެފައި ވަނީ ނާޒިމް މަސައްކަތް ކުރައްވާފައި ވަނީ ވިލާ ގްރޫޕްގެ ހަރަދުގައި ހަތިޔާރު ގަތުމަށްފަހު ދައުލަތުގެ އިސްވެރިންތަކަކަށް ހަމަލާ ދިނުމަށް ކަމަށެވެ.