ބޮލީވުޑް

ރާނީ އެނބުރި ބޮލީވުޑަށް އަންނަނީތަ؟

Oct 5, 2016

މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ 1996 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ފަހުން މިއަދާ ހަމައަށް ވަނީ ކާމިޔާބު އެތަކެއް ފިލްމެއް ކުޅެފަ އެވެ.

ރާނީގެ ކާމީޔާބީގެ ސިލްސިލާ އަދިވެސް ކުރިއަށް ދިޔަ ނަމަވެސް އޭނާގެ ކެރިއަރުގެ ބުރަކި ވަނީ އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނީގެ ވެރިޔާ، އަދި މަޝްހޫރު ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްޅާއާ ލޯބީގެ ގޮތުން ގުޅުނު ހިސާބުން މަޑުޖައްސާލާފަ އެވެ.

އަދިތްޔައާ ލޯބީގެ ގޮތުން ރާނީ ގުޅުނު ހިސާބުން އޭނާ ކުޅެމުން އައި ފިލްމުތަކުގެ އަދަދު މަދުވި ނަމަވެސް ބޮލީވުޑާއި ދުރަށް ގޮސްފައެއް ނުވެ އެވެ.

ރާނީ އާއި އަދިތްޔަ 2014 ވަނަ އަހަރުގެ އެޕްރީލް 21 ވަނަ ދުވަހު ކައިވެނި ކޮށްފައިވާއިރު، އޭނާގެ އެންމެފަހުން ރިލީޒްވެފައިވަނީ ހަމަ އެއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނިކުތް "މަރްދާނީ" އެވެ.

ފުރަތަމަ ދަރިފުޅު އަދީރާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރާނީ ވިހާފައިވާއިރު، ދެއަހަރުގެ ބްރޭކަކަށްފަހު އޭނާ އަންނަނީ އެނބުރި ފިލްމުކުޅެން ނިކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނެ އެވެ.

އެގޮތުން ރާނީ ދެން އެންމެ އަވަހަށް ކުޅޭނެ ފިލްމެއް މިހާރު ސޮއިކޮށްފައިވާއިރު އެ ފިލްމަކީ ބަޔޮޕިކެއް ކަމަށްވެ އެވެ. ސޯޝަލް މެސެޖެއް ދައްކުވައިދޭ އެފިލްމު ޑައިރެކްޓަރަކީ "ވީ އާ ފެމެލީ" ޑައިރެކްޓަރު ސިދާތް ޕީ މަލްހޯތުރާ ކަމަށްވެ އެވެ. ރާނީ ލީޑްރޯލުން ފެނިގެންދާ މިފިލްމު ޕްރޮޑިއުސްކުރަނީ ފިރިމީހާ އަދިތްޔަ އަދި ޔާޝް ރާޖްސްއިން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބުނެވޭ ގޮތުގައި މިފިލްމަކީ ވެސް ވަރަށް ވަރުގަދަ ސޯޝަލް މައްސަލައެއްގެ މައްޗަށް އުފައްދާ ފިލްމަކަށްވެފައި އެންމެ ފުރަތަމަ މިފިލްމުގެ ވާހަކަ ސިދާތް ހިއްސާކޮށްފައިވަނީ އަދިތްޔައާ އެވެ. އެގޮތުން މިފިލްމާ ގުޅޭގޮތުން ސިދާތް، އަދިތްޔަ އާއި ރާނީއާ މަޝްވަރާކޮށްފައިވާއިރު މިހާރު މިފިލްމުގެ ޝޫޓިން ފަށާނެ ދުވަހަކާ ގުޅޭގޮތުން ރާނީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށްވެސްވެ އެވެ.

މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ. އަދި ރާނީ އަށް މިފިލްމު ހުށަހެޅުމުގެ ކުރިން ހުށަހަޅާފައިވަނީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަށެވެ.

ރާނީ އެންމެފަހުން ނިކުތް ފިލްމު "މަރްދާނީ" ގައި އޭނާ ފެނިގެން ގޮސްފައިވަނީ ޖެހިލުންކުޑަ އަންހެން ފުލުހެއްގެ ރޯލުންނެވެ.