ވިޔަފާރި

"ދަ މެންހާޓަން ފިޝް މާކެޓް" ގެ ރެސްޓޯރެންޓެއް ރާއްޖެގައި ހުޅުވަނީ

  • ރެސްޓޯރެންޓް ހުޅުވަނީ ހުޅުމާލެ މިނީމޯލްގައި
  • ރެސްޓޯރެންޓުގައި 150 މީހުންގެ ޖާގަ
  • ހުޅުވަނީ ރާނބާ ހިންގާ ކުންފުނިން

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ "ދަ މެންހާޓަން ފިޝް މާކެޓް" ގެ ރެސްޓޯރެންޓެއް ރާއްޖޭގައި ހުޅުވަން ތައްޔާރު ވަމުން އެބަދެ އެވެ. މި ރެސްޓޯރެންޓް ރާއްޖޭގައި ހުޅުވާނީ އަންނަ ޑިސެމްބަރު މަހު އެވެ. އެ ރެސްޓޯރެންޓަކީ އެމެރިކަން ސްޓައިލް ސީފުޑަށް އެންމެ މަޝްހޫރު ރެސްޓޯރެންޓެވެ.

ތަފާތު ކަނޑު މަހުގެ ބާވަތްތަކުގެ ކާނާތަކަށް މަޝްހޫރު "ދަ މެންހާޓަން ފިޝް މާކެޓް" ގެ ރެސްޓޯރެންޓެއް ރާއްޖޭގައި ހުޅުވާނީ މެދުކެނޑުމެއް ނެތި 15 އަހަރު ރާނބާ ރެސްޓޯރެންޓު ހިންގަމުންދާ ސިލްވާ ސްޕޫން ކުންފުނިންނެވެ. ރެސްޓޯރެންޓް ހުޅުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ މިނީ ސޮޕިން މޯލްގަ އެވެ. އެއީ 150 މީހުންގެ ޖާގައިގެ ރެސްޓޯރެންޓެކެވެ.

ސިލްވާ ސްޕޫންގެ ޑިރެކްޓަރު އެންޑް ފައިނޭންސް އިބްރާހިމް ނައީމް ވިދާޅުވީ، ރާއްޖޭގައި "ދަ މެންހާޓަން ފިޝް މާކެޓް"ގެ ރެސްޓޯރެންޓެއް ހުޅުވަން ފުރުސަތު ލިބުނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމަށްފަހު ކަމަށެވެ. އެގޮތުން އެ ރެސްޓޯރެންޓް ހުޅުވުމަށް އެ ކުންފުންޏަށް ފުރުސަތު ދީފައިވަނީ މެލޭޝިއާއިންނާއި ސިންގަޕޫރުން ޓީމެއް ރާއްޖެ އައިސް ދިރާސާތަކެއް ކުރުމަށްފަހު ކަމަށެވެ.

މެލޭޝިއާ އަދި ސިންގަޕޫރްގައި "ދަ މެންހާޓަން ފިޝް މާކެޓް" ގެ ގިނަ ރެސްޓޯރެންޓްތަކެއް ހުރެ އެވެ. އަވަށްޓެރި ލަންކާ އާއި އިންޑިއާ އަދި ބަންގްލަދޭޝްގައި ވެސް "ދަ މެންހާޓަން ފިޝް މާކެޓް"ގެ ރެސްޓޯރެންޓްތައް ވަރަށް މަގުބޫލުކަމާއެކު ހިންގަމުންދެ އެވެ. އޭގެ އިތުރަށް ގަތަރާއި ޔޫއޭއީ އާއި އޮމާން އާއި ތައިލެންޑާއި އިންޑޮނޭޝިއާ އަދި މިޔަންމާ ފަދަ ގައުމުތަކުގައި ވެސް އެ ބްރޭންޑްގެ ރެސްޓޯރެންޓް ހުރެ އެވެ.

"ދަ މެންހާޓަން ފިޝް މާކެޓް" ރެސްޓޯރެންޓްގައި އާންމު ގޮތެއްގައި ހުންނަނީ ރާއްޖެއިން ލިބެން ނުހުންނަ މަހުގެ ބާވަތްތަކެވެ. އެހެންކަމުން ރެސްޓޯރެންޓަށް މަސް އެތެރެކުރާނީ ޗައިނާ އަދި ވިއެޓްނާމް ފަދަ ގައުމުތަކުން ކަމަށް ނައީމް ވިދާޅުވި އެވެ. ނައީމް ވިދާޅުވި ގޮތުގައި ރެސްޓޯރެންޓުން އެހެން ގައުމުތަކުގެ "ދަ މެންހާޓަން ފިޝް މާކެޓް" ރެސްޓޯރެންޓްތަކުން ލިބޭ ފެންވަރުގައި އެ ރަހައިގައި ކެއުންތައް ލިބޭނެ ކަމަށެވެ. ރަހައަށް އަދި ކޮލިޓީއަށް ބަދަލު ނާންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ނައީމް ވިދާޅުވި ގޮތުގައި ރެސްޓޯރެންޓަކީ ސީފުޑަށް ހާއްސަ ރެސްޓޯރެންޓަކަށްވާއިރު އެ ރެސްޓޯރެންޓުން އެއްގަމު މަހުގެ އައިޓަމްތައް މަދުވާނެ އެވެ. އެގޮތުން ކުކުޅުގެ ވެސް ހުންނާނީ އެންމެ ދެ އައިޓަމް ކަމަށް ވިދާޅުވި އެވެ.

"ވަރަށް ބޮޑު އަމާޒެއް އަދި އުއްމީދެއް އެއީ އިންޓަނޭޝަނަލް ބްރޭންޑެއްގެ ރެސްޓޯރެންޓެއް ހިންގުމަކީ، ވަރަށް ބުރަ މަސައްކަތްތަކާއެކު އެ ކަން މި ދަނީ ހާސިލުވަމުން،" ނައީމް ވިދާޅުވި އެވެ.

އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރެސްޓޯރެންޓް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، މި މަހުގެ އަށްވަނަ ދުވަހު ރާނބާ ރެސްޓޯރެންޓްގައި "ދަ މެންހާޓަން ފިޝް މާކެޓް"އަށް މުވައްޒަފުން ހޮވުމަށް ފުރުސަތު ހުޅުވާލާނެ އެވެ. އެ ރެސްޓޯރެންޓަށް 40 މުވައްޒަފުން ހޯދުމަށް ނިންމާފައިވަނީ އިސްކަން ދެނީ ޒުވާން ދިވެހިންނަށެވެ.

ނައީމް ވިދާޅުވީ، މިއީ ދިވެހި ޒުވާނުންނަށް ހުޅުވިގެން ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި ރެސްޓޯރެންޓްގައި މަސައްކަތްކުރާ ފަރާތްތަކަށް ޓްރެނިން ދެވި، ސެޓްފިކެޓް ވެސް ދޭނެ ކަމަށެވެ. މިހާރު ހަތަރު މުވައްޒަފަކަށް މެލޭޝިއާއިން ވަނީ ތަމްރީނު ކޮށްފަ އެވެ.