ބޮލީވުޑް

ފަވަދް ޚާނަށް އަންހެން ކުއްޖަކު ލިބިއްޖެ

Oct 5, 2016
1

ބޮލީވުޑްގެ ފިލްމުތަކުން ވިދާލާފައިވާ ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވަދް ޚާނަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

ފަވަދްގެ އަންހެނުން ސަދަފް ދެވަނަ ދަރިފުޅު ވިހާފައިވަނީ ރޭގެ ވަގުތެއްގައި ލާހޯރުގެ ހަމީދް ލަތީފް ހޮސްޕިޓަލުގަ އެވެ. އަދި ދެވަނަ ދަރިފުޅު އަންހެނުން ވިހޭއިރު އޭނާގެ ކައިރީގައި ފަވަދް ހުރި ކަމަށް ޕާކިސްތާނުގެ ނޫސްތަކުގައިވެ އެވެ.

ދެހާސް ފަސްވަނަ އަހަރު ފަވަދް އާއި ސަދަފް ކައިވެނިކޮށްފައިވާއިރު އެދެމީހުންގެ ފުރަތަމަ ދަރިފުޅު އަޔާންގެ އުމުރަކީ ހައަހަރެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުޅޭ ހަމަނުޖެހުންތަކުގެ ސަބަބުން ބޮލީވުޑްގައި ހަރަކާތްތެރިވަމުން އަންނަ ޕާކިސްތާނުގެ އެކްޓަރުން އެގައުމުން ބޭރުކޮށް، ބޮލީވުޑްގައި ހަރަކާތްތެރި ނުވެވޭނެ ގޮތަށް ނިންމާފައިވާއިރު ފަވަދް އަށް ކުރިއަށް ކުޅެން ގިނަ ހިންދީ ފިލްމުތަކަކުން ހުރީ ފުރުސަތުތައް ލިބިފަ އެވެ.

އެގޮތުން މިމަހުގެ 28 ވަނަ ދުވަހު ރިލީޒްވާ ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އެއި ދިލްހޭ މުޝްކިލް" ގެ މުހިންމު ރޯލަކުން އޭނާ ފެނިގެންދާއިރު އެފިލްމުން އޭނާގެ މަންޒަރުތައް އުނިނުކުރާހާ ހިނދަކު އެފިލްމު އިންޑިއާގައި ރިލީޒްވިޔަ ނުދޭނެ ކަމަށް އެގައުމުގެ ބޮޑު ސިޔާސީ ޕާޓީ މަހަރަޝްތުރަ ނަވްނިރްމަން ސޭނާ (އެމްއެންއެސް) އިން އަންނަނީ ބުނަމުންނެވެ.

ފަވަދް އާއި ސަދަފް އަށް ވެސް އަންހެން ކުއްޖަކު ލިބިފައިވާއިރު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕުތް އަށް ވެސް އޮގަސްޓް މަހުގެ ތެރޭގައި ވަނީ އަންހެން ކުއްޖަކު ލިބިފަ އެވެ.