ވިޔަފާރި

ރާއްޖެ "ކޮޕީކޮށްގެން" ގަތަރުގައި ރިސޯޓެއް ހަދައިފި

ރާއްޖޭގެ ރިސޯޓުތައް ފަރުމާކޮށްފައި ހުންނަ ގޮތް "ކޮޕީ ކޮށްގެން" ގަތަރުގައި ރިސޯޓެއް ހަދައި، ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓުތަކުގައިވާ ގޮތުގައި "ރާއްޖެ ސްޓައިލް" ގެ މޫދު ކޮޓަރިތަކާއެކު ހުޅުވާ މި ރިސޯޓު ވެގެން ދާނީ ރާއްޖޭގެ ރިސޯޓު ކޮންސެޕްޓުގެ ނަލަކަށެވެ. މި ރިސޯޓު ހަދާފައިވަނީ ރާއްޖޭގެ ޖަޒީރާ ރަށްތައް ހުންނަ ގޮތަށް ވަކިވަކި ރަށްތަކެއް ކަނޑުގައި ހިއްކައިގެންނެވެ.

ގަތަރުގެ، ދޯހާ ކައިރީގައި ހަދާފައިވާ "ބަނާނާ އައިލެންޑް ރިސޯޓް" އޮޕަރޭޓްކޮށް ހިންގަނީ ރާއްޖޭގައި ވެސް ރިސޯޓު ހިންގަމުން ގެންދާ އަނަންތަރަ ގްރޫޕުންނެވެ. މި ރިސޯޓު ހުޅުވުމަށް މި އަހަރުގެ ފަހުކޮޅު ކުލަގަދަ ހަފުލާއެއް ބޭއްވުމަށް ނިންމާފައިވާއިރު، މި ރިސޯޓުގައި ހަދާފައިވާ ހުރިހާ ކޮޓަރިއެއް ވެސް ފަރުމާކޮށްފައިވަނީ ކަނޑު ފެންނަ ގޮތަށް "އޯޝަން ވިއު" އޮންނަ ގޮތަށެވެ.

ގަތަރުން މި ރަށް ފަރުމާކޮށްފައިވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ތައްޔާރު ވަމުން ގެންދާ ވޯލްޑް ކަޕް ފުޅުބޯޅަ މުބާރާތައް ހާއްސަކޮށްގެން 120 ކޮޓަރީގެ ފުރިހަމަ ހޮޓަލެއް ވެސް ހިމަނައިގެންނެވެ.