ދުނިޔެ

އައިއެސްގެ ހިލާފަތު ނިމުމަކަށް އައީތަ؟

ސީރިއާ އާއި އިރާގުގައި އަތްގަދަކޮށް "އިސްލާމިކް ސްޓޭޓް" (އައިއެސް) ގެ ނަމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ބައިގަނޑަށް އަދި އެމީހުންނާ ގުޅިފައިވާ ހަނގުރާމަވެރިންނަށް ރަޝިއާ އާއި ތުރުކީ އަދި އިރާގާއި ސީރިއާގެ އިތުރުން އެމެރިކާ އިން ވެސް ދަނީ މެދުކެނޑުމެއްނެތި ނިކަން ވަރުގަދަ އަށް ހަމަލާތަކެއް ދެމުންނެވެ. ހަތިޔާރު އެޅި ކުރުދީންގެ ފައުޖުތަކުން ވެސް ދަނީ އައިއެސް އަށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.

ނަތީޖާއެއްގެ ގޮތުން، އިރާގާއި ސީރިއާގައި އައިއެސް އިން ކޮންޓްރޯލްކުރި ބޮޑު، ގިނަ ވާދީތަކެއް އެމީހުންގެ އަތުން ދޫވެގެން ގޮސްފައިވާއިރު މިކުރިމަތިލުންތަކުގައި މަރުވަމުންދާ އައިއެސްގެ މެމްބަރުންނާއި ހަމަލާތަކާ ގުޅިގެން އެ ޖަމާއަތަށް ލިބެމުންދާ މާލީ ގެއްލުން ވެސް އިންތިހާ އަށް ބޮޑެވެ.

މިހައި ހިސާބުން އުފެދޭ ސުވާލަކީ މިއީ އެވެ. އައިއެސްގެ ދުވަސް ދިޔައީ ހެއްޔެވެ؟ އެމީހުން އުފައްދައި އިއުލާނުކުރި "ހިލާފަތު" އެންމެފަހުން ނިމުމަކަށް އައީ ހެއްޔެވެ؟

އައިއެސްއާ ދެކޮޅު ހަނގުރާމައިގެ ހިސާބުތަކަށް ބަލަނީ ނަމަ، މި ކުރިމަތިލުމުގައި އެ ޖަމާއަތުގެ ބާރު ކެނޑެމުންދާ ކަމަށް އަދަދުތަކާއި މަންޒަރުތައް ހެކިވެ އެވެ. ސީރިއާގެ އުތުރުބިތުގައި އޮތް އަވަށެއް ކަމުގައިވާ މަންބީޖުން މިދިޔަ އޯގަސްޓް މަހު އައިއެސްގެ ހަނގުރާމަވެރިން ފައްސާލުމުން ފެނިގެން ދިޔަ މަންޒަރުތަކުން ވެސް އައިއެސްގެ ބާރު އެ ސަރަހައްދުން ކެނޑިގެން ގޮސްފައިވާ މިންވަރު ވަރަށް ސާފެވެ.

އައިއެސްގެ ހަނގުރާމަވެރިން އަވަށް ދޫކޮށް ފިލުމުން، އެ އަވަށުގެ މީހުން އެކަމުގެ އުފާފާޅުކުރީ ތުނބުޅިތައް ބާލައި، އަންހެނުންގެ މޫނު ބުރުގާތައް ބާލައިގެންނެވެ. އުފާފާޅުކުރުމަށް މުސްކުޅިފުރައިގެ އަންހެނުން ރޯކުރީ ސިނގިރޭޓެވެ. -- އައިއެސްގެ ބާރުގެ ދަށުގައި އޮތްއިރު އެ އަވަށުގައި މިހުރިހާ ކަމަކީ ވެސް ހަރުކަށި އަދަބު ކަނޑައެޅިގެން މަނާކުރެވިފައިވާ ކަންކަމެވެ.

މީގައި ފާހަގަކޮށްލަން ޖެހެނީ، މިގޮތަށް ކިޔައިދޭން އޮތީ އެންމެ އަވަށެއްގެ ވާހަކަ އެކަނި ނޫން ކަމެވެ.

ސީރިއާގެ ސަރަހައްދީއިމާ ގާތުގައި އޮތް، ކޫބާނީ އިން އައިއެސްގެ ހަނގުރާމަވެރިން ފައްސާލުމަކީ ވެސް އެމީހުންނާ ދެކޮޅު ފަރާތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މި އަވަށުން އައިއެސް ފައްސާލީ ކުރުދީ ހަނގުރާމަވެރިންނެވެ. އައިއެސް އަށް ބިރަށް އަވަށް ދޫކޮށް ދިޔަ އާއިލާތައް ވަނީ އެމީހުންގެ ވަޒަނަށް އެނބުރިގޮސް އާރާސްތުރުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އައިއެސްގެ މުހިންމު ރަށެއްގެ ގޮތުގައި ސީރިއާގެ މެދުތެރެއިން އެމީހުން ކޮންޓްރޯލްކުރަމުން ދިޔަ އަލް-ގަރްޔަތީން އިން ވެސް އެމީހުން ވަނީ ފައްސާލައިފަ އެވެ. މި އަވަށުގައި އައިއެސްގެ މައްޗަށް ކުރި ހޯދީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި ސިފައިންނެވެ.

މީގެއިތުރުން އިރާގުގައި އައިއެސް އިން ކޮންޓްރޯލްކުރަމުން ދިޔަ މުހިންމު ދެ ސިޓީ ކަމުގައިވާ ތިކްތީރާއި ފަލޫޖާގައި އެމީހުންގެ ބާރު ކެނޑިގެންދިޔަ ގޮތަކީ ވެސް އައިއެސްގެ ބަދުނަސީބުގެ ވާހަކަ ނިކަން ރަނގަޅަށް ކިޔައިދޭ ބޮޑު ދެ ކުރިމަތިލުމެވެ.

ކުރިމަތިލުންތަކުގައި އައިއެސް އަށް ބޮޑެތި ގެއްލުންތަކެއްވަމުންދާއިރު، އެހެން ގައުމުތަކުން އެމީހުންނާ ގުޅެމުން ދިޔަ ބިދޭސީ ހަނގުރާމަވެރިންނަށް ސީރިއާ އާއި ތުރުކީއާ ދެމެދު ސަރަހައްދީއިމުގައި ހުޅުވާފައި ހުރި ދޮރުތައް މިހާރު ބަންދުވެފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިއީ އައިއެސް އިތުރަށް ބަލިކަށިވެގެން ދިއުމުގެ އެއް އަސްލެވެ.

މިސާލަކަށް، މަންބިޖު އާއި ކޫބާނީ ފަދަ އަވަށްތަކުގެ ކޮންޓްރޯލް ގެއްލުމަކީ ސަރައްދީރޮނގު ހުރަސްކޮށް ސީރިއާ އަށް އެތެރެވެ އައިއެސްއާ ގުޅެމުން ދިޔަ އެހެން ގައުމުތަކުގެ ހަނގުރާމަވެރިންގެ އަދަދު ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާ ކަމެކެވެ. މިފަދަ ހުރަސްތަކެއް ކުރިމަތިވެ، އަވަށްތަކާއި ސިޓީތައް އައިއެސް އަށް ގެއްލެމުންދާއިރު މީގެ އަހަރެއްހާކުރިން އެމީހުން ކޮންޓްރޯލްކުރި ބިމުގެ ދެބައިކުޅައެއްބައި މިހާރު ވަނީ ގެއްލިފަ އެވެ.

މީގެ ސަބަބުން އެމީހުންނަށް ލިބޭ މާލީ ގެއްލުން އަދި ވަކިން ބޮޑެވެ. މާލީ އެހީތައް ހޯދުމަށް އައިއެސް އިން ބޭނުންކުރަމުން ދިޔަ މަގުތައް ވެސް ބަންދުވެ، އެ ގާބިލުކަމުގެ ތިން ބައިކުޅައެއްބައި ހަލާކުވެފައިވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ތަޖުރިބާކާރުންގެ ލަފާކުރުންތައް ރަނގަޅު ނަމަ، ހަނގުރާމައިގެ މައިދާނުގައި އައިއެސްގެ ހަނގުރާމަވެރިންގެ މައްޗަށް އަންނަ އަހަރުގެ ފަހުކޮޅު މުޅިން ކުރި ލިބޭނެ އެވެ.

ދެން އޮތް ސުވާލަކީ، ގެއްލުނު އަވަށްތަކާއި ސިޓީތައް އަލުން އައިއެސްގެ ބާރުގެ ދަށަށް ގެންދިއުމުގެ ގާބިލުކަން އެމީހުންނަށް މިހާރު ލިބިގެންވޭތޯއެވެ؟ ތަޖުރިބާކާރުން ބުނަނީ އައިއެސްގެ އެތެރޭގައި މިހާރު ކުރިން އޮތް ފޯރިއަކާއި ޖޯޝެއް ނެތް ކަމަށެވެ. ވަކިން ހާއްސަކޮށް އަވަށްތަކާއި ސިޓީތަކުން ބާރުކެނޑި އެމީހުންގެ ހިލާފަތުގެ ސައިޒް ކުޑަވަމުން ދިއުމަކީ އެމީހުންގެ މެމްބަރުން ބިރުގަނެ އެ ޖަމާއަތްދޫކޮށް ފިލަން މަސައްކަތްކުރާ ސަބަބަކަށްވެފައިވާ ކަމެއް ކަމަށެވެ.

އައިއެސް އިން 2014 ވަނަ އަހަރު "ނަގޫރޯޅިއެއްގެ" ބާރުމިނުގައި މެދުއިރުމައްޗަށް ފެތުރިގަތް މަންޒަރު ފެނި، އުއްމީދާއެކު އެމީހުންނާ ގުޅުނު އެތައް ހަނގުރާމަވެރިންނެއް މިހާރު މަސައްކަތްކުރަމުން ދަނީ އެ ޖަމާއަތް ދޫކޮށް ފިލުމަށެވެ.

އެހެން ނަމަވެސް އައިއެސް އެއްކޮށް ރޫޅި ނެތިގެން ހިނގައިދާނެ ކަމަށް ގަބޫލުކުރުމަކީ މޮޔަކަމެކެވެ. އައިއެސް އުފެދިގެން އައި ގޮތަށް ބެލިކަމުގައި ވިޔަސް ހާސިލުކުރެވޭނެ އިބްރަތްތަކެއް އެބަހުއްޓެވެ. އަބޫ ބަކުރު އަލް ބަޣުދާދީގެ ލީޑަޝިޕްގެ ދަށުން މި ޖަމާއަތް އުފެއްދީ، ކުރިން ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި ޓެރަރިސްޓް ޖަމާއަތް، އަލްގައިދާގެ ތެރެއިންނެވެ.

ކުރުގޮތަކަށް ބުނަނީ ނަމަ ޒަމާނާއެކު އަލްގައިދާ ޖަމާއަތް "މިއުޓޭޓްވީ" އެވެ. އެހެންކަމުން އައިއެސްގެ އަމާޒަށް ވެސް ވާސިލުނުވެ މިގޮތަށް އެ ޖަމާއަތުގެ ބާރުކެނޑިގެން ދިއުމުން މިފަދަ އެހެން ޖަމާއަތެއް އުފެދިގެންއަންނާނެކަން ޔަގީނެވެ.

އަނެއްކޮޅުން ޔަގީންވާ ކަމަކީ އެމެރިކާ އާއި ރަޝިއާ އާއި ސީރިއާ އަދި އިރާގާއި ސައޫދީ އަރަބިއްޔާ އާއި އީރާން ފަދަ ބޮޑެތި ބާރުތަކުން އައިއެސްގެ މައްޗަށް ކުރި ހޯދައި އެމީހުން ބަލިކުރާނެ ކަމެވެ. އައިއެސްގެ މައި ދެ ރަށް ކަމުގައިވާ، އިރާގުގެ މޫސަލް އާއި ސީރިއާގެ ރައްގާ ވެސް ދެން މާ ގިނަ ދުވަސްތަކެއް ނުވެ އެމީހުންނަށް ގެއްލޭނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.