ދުނިޔެ

އިންޑިއާގައި ހަމަހިމޭންކަމުގެ އާދަޔާހިލާފު މުޒާހަރާއެއް

Oct 6, 2016
1

މި މުޒާހަރާއެއް މެދުނުކެނޑި ކުރިއަށް ގެންދާތާ މިހާރު ހަ ހަފުތާވީ އެވެ. އިންޑިއާގައި އާބާދީ ތޮއްޖެހިފައިއޮތް މަހާރަޝްތުރާގައި ކުރިއަށްދާ މި މުޒާހަރާގައި އެތައް މިލިއަން ބަޔަކު ދަނީ ބައިވެރިވަމުންނެވެ. ކުޑައެއް ބޮޑެއް، މުސްކުޅިއެއް، ފިރިހެނެއް އަންހެނެއް ބެލުމެއްނެތި މުޅި ސްޓޭޓްގެ އެންމެންހެން ވަނީ މުޒާހަރާ އަށް ނުކުމެފަ އެވެ.

އެމީހުންގެ ތެރޭގައި ވެރިއަކު ނުވެ އެވެ. އާދައިގެ މީހުންނާއި އެންމެ ޕްރޮފެޝަނަލް މަސައްކަތްތެރިން ވެސް ހިނގާލުމުގައި ބައިވެރިވެ އެވެ. ގިނަ ހިނގާލުންތަކުގެ ކުރީ ސަފުގައި ތިބީ އަންހެންވެރިންނެވެ. މި ހިނގާލުންތަކުގައި ބައިވެރިނުކުރާ ބަޔަކީ ސިޔާސީ ލީޑަރުންނެވެ.

މި މުޒާހަރާ މިވަރަށް ބޮޑުވުމުގެ ކުރިން އެންމެ ފުރަތަމަ ފެށުނީ މި އަހަރުގެ ޖުލައި މަހު އެވެ. ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އިންޑިއާގައި އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލައިގެ ގޮތުގައި އޮތް "ރޭޕްކުރުމުގެ" މައްސަލައާ ދެކޮޅަށެވެ.

މުޒާހަރާ ފެށީ، ތިން މީހަކުވެގެން މަހާރަޝްތުރާގެ އަންހެން ކުއްޖަކު ރޭޕްކޮށްލި މައްސަލައަކަށް ފަހު އެވެ. ނަމަވެސް މި މުޒާހަރާއެއް އެންމެފަހުން މިހާރު ބަދަލުވެފައި ވަނީ އިޖުތިމާއީ އެކި މައްސަލަތަކަށް އެޑްރެސްކުރާ ބޮޑު މުޒާހަރާއަކަށެވެ. އެގޮތުން ވަޒީފާގެ މައްސަލަތަކާއި ތަފާތުކުރުމުގެ މައްސަލަތަކާއި އިންސާފުގެ މައްސަލަ ވެސް ވަނީ އެންމެފަހުން މުޒާހަރާ އަށް ވަދެފަ އެވެ.

މި ސިލްސިލާގެ ދަށުން މިހާތަނަށް ވިއްސަށް ވުރެ ގިނަ ބޮޑެތި ހިނގާލުންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މުޒާހަރާގެ ބައިވެރިން މަޝްހޫރުވެފައިވަނީ އިންގިލާބެއްގެ މޭސްތިރިންގެ ގޮތުގަ އެވެ.

މިހާރު އެމީހުން އަމާޒުހިފާފައި ވަނީ މި އޮކްޓޯބަރު މަހުގެ ފަހުކޮޅު މުމްބާއީގައި ބޮޑު މުޒާހަރާއެއް ތަމްސީލުކުރުމަށެވެ. އެ މުޒާހަރާގައި 10 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވެ، ފަހުގެ ތާރީޚެއްގައި އިންޑިއާގައި ބާއްވާ އެންމެ ބޮޑު މުޒާހަރާ އަށް އެ ހަރަކާތް ހަދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.