ދުނިޔެ

ދުނިޔޭގެ ދަރަނި 152 ޓްރިލިއަން ޑޮލަރަށް އަރައިފި

Oct 6, 2016

ދުނިޔޭގެ ދަރަނި 152 ޓްރިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި އެ އަދަދު މަތިވަމުން އަންނައިރު މިއީ އިގްތިސާދީ މުސީބާތެއް ދުނިޔެ އަށް ކުރިމަތިވެދާނެ ކަމެއް ކަމުގެ އިންޒާރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އިއްޔެ ދީފި އެވެ.

އައިއެމްއެފްގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ވިކްޓާ ގެސްޕާ ވިދާޅުވެފައި ވަނީ މި ދަރަނީގެ ތިން ބައިކުޅަ ދެ ބައި އުފެދިގެން އަންނަނީ ޕްރައިވެޓް ސެކްޓަރުން ކަމަށާއި ދުނިޔޭގެ ޖީޑީޕީގެ ނިސްބަތަށް ބަލާއިރު ދަރަނި އުޅެނީ 225 ޕަސެންޓްގައި ކަމަށެވެ. އެހެންކަމުން މިއީ ގައުމުތަކުން އަވަސް ފިޔަވަޅު އަޅައިގެން ހައްލުކުރަން މަޖުބޫރުވެފައިވާ މައްސަލައެއްކަން ފާހަގަކޮށްފައިވެ އެވެ.

"އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖަކީ ޕްރައިވެޓް ސެކްޓަރުގެ ދަރަނި ނުހިފެހެއްޓޭ މަގަކަށް ވެއްޓިއްޖެ ނަމަ (ރެސެޝަން އަކަށް ނުގޮސް) ކުރިއާލައި މި މައްސަލަ ހައްލުކުރުމަކީ ވަރަށް މުހިންމު ކަމެއްކަން. 152 ޓްރިލިއަން ޑޮލަރުގެ ދަރަންޏަކީ ރިކޯޑް އަދަދެއް. ބައެއް ތަންތަނުގައި ދަރަނި އެބަހުރި. އަދި ބައެއް ތަންތަނުގައި ދަނީ ހަލުވިކަމާ އެކު އިތުރުވަމުން،" ވިކްޓާ ވިދާޅުވެފައިވެ އެވެ.

އައިއެމްއެފްގެ އެންމެފަހުގެ ރިޕޯޓް ދައްކާ ގޮތުން، ދުނިޔޭގެ އިގްތިސާދަށް 2007 ވަނަ އަހަރުން 2009 ވަނަ އަހަރާ ހަމަ އަށް ކުރިމަތިވި ރެސެޝަންގެ މައްސަލަ އަށް ފަހު ދުނިޔޭގެ ދަރަނީގެ އަދަދު އެއްވެސް މިންވަރަކަށް ތިރިވެފައެއް ނުވެ އެވެ. ވިކްޓާ ވިދާޅުވެފައި ވަނީ ދަރަނި މިގޮތަށް ނުވެއްޓި މަތިވަމުން ދިއުމުގެ އަސްލަކީ ދުނިޔޭގެ އިގްތިސާދު ކުރިއަރާ ނިސްބަތް ދަށްވެފައި އޭގެ ދުވެލި މަޑުވުން ކަމަށެވެ.

މީގެ އިތުރުން އައިއެމްއެފުން ބުނެފައި ވަނީ ތަރައްގީވެފައިވާ ގައުމުތަކާއި ކުރިއަރަމުން އަންނަ ބޮޑެތި އިގްތިސާދުތަކުގައި ދަރަނީގެ މައްސަލަ ބޮޑުވުމަކީ އޭގެ ނޭދެވޭ އަސަރު ދުނިޔޭގެ އިގްތިސާދަށް އިންތިހާ އަށް ކުރާ ކަމެއް ކަމަށެވެ. --ދަ ގާޑިއަން