ގެއިން ނުނެރި، 30 އަހަރުވަންދެން ބަންދުކޮށް ފޮރުވައިގެން ގެންގުޅުނު މީހަކު ޖަރުމަނުވިލާތުގެ ބަވޭރިއާ ސްޓޭޓްގެ ފުލުހުން ސަލާމަތްކޮށްފި އެވެ. އެމީހާ ބަންދުކޮށްގެން ގެންގުޅިފައިވަނީ އޭނާގެ މައިންބަފައިންނެވެ.
ހަބަރުތައް ބުނާ ގޮތުން ފޮރުވައިގެން ގެންގުޅުނު މީހާއަކީ 43 އަހަރުގެ މީހެކެވެ. އެމީހާ ފުލުހުން ސަލާމަތްކޮށްފައިވަނީ އެ އާއިލާ ދިރިއުޅޭ ގެ ރެއިޑްކޮށްގެންނެވެ. ފުލުހުން މިހާރު ދަނީ އެމީހާގެ މައިންބަފައިން ހިފަހައްޓައިގެން މައްސަލަ ތަހުގީގުކުރަމުންނެވެ.
"އަހަރެމެންނަށް އަދިވެސް ނޭނގޭ ސީދާ ކިހާ ދުވަހެއް ވެއްޖެ ކަމެއް އޭނާ ބޭރަށް ނުނެރެ ގެންގުޅޭތާ،" ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.
ފުލުހުންނަށް އޭނާ ފެނުނުއިރު، އޭނާގެ ހާލަތު ވަރަށް ދެރަ ކަމަށްވެ އެވެ. އޭނާގެ ނިޔަފަތިތައް ވެސް ދިގުވެފައިވާއިރު އޭނާގެ ކައިރީގައި އޭނާގެ ނަޖިސްތައް ވެސް ހުރި ކަމަށްވެ އެވެ. އެހެނަސް އޭނާއަށް ބަރާބަރަށް ކާންދީފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ފުލުހުންގެ ސަމާލު ކަމަށް މިކަން ގެނައީ އެ ގޭގެ ބައެއް އަވަށްޓެރިންނެވެ. ފުލުހުންނަށް އެކަން އަވަށްޓެރިން ރިޕޯޓްކުރީ އެމީހުންނަށް އެ ގޭ ތެރެއިން މީހެއްގެ ވޭނީ އަޑު އިވޭތީ ޝައްކު އުފެދިގެންނެވެ.
އޭނާ އެގޭ ތެރެއިން ފެނުމުން ފުލުހުން ވަނީ ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި ފަރުވާދީފަ އެވެ. މިހާރު އެނގިފައިވާ ގޮތުގައި ދަސްކުރުމުގެ ނުކުޅެދުންތެރިކަމެއް އޭނާގެ ހުރެ އެވެ.
އޭނާ ޕްރައިމަރީ ސްކޫލަށް ގެންގޮސްފައިވާ ކަމަށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ބަލާފައި ވަނީ ބުނެފަ އެވެ. އަދި ސެކެންޑްރީ ތައުލީމް ހާސިލުކުރަން އޭނާ ފެށި ކަމަށް ވެސް ބުންޏެވެ. ނަމަވެސް އުމުރުން 13 އަހަރުގައި އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ކަމަށް މައިންބައިފައިންނަށް ވަނީ ސްކޫލުން އަންގާފަ އެވެ.
"އަހަރެންގެ ދަރިފުޅަށް މީހުން މަލާމަތްކުރި، އޭނާ ބޭނުންވީ އަހަރެމެން އެކީ އުޅެން، އަހަރެމެން ތަހައްމަލުކުރި ކަންތައްތައް ކިޔައިދީފިނަމަ ގަބޫލު ވެސް ނުކުރާނެ، އަހަރެން ހަމައެކަނި ބޭނުންވީ އޭނާ ރައްކާތެރިކުރަން،" އޭނާގެ މަންމަ ބުނެފައިވެ އެވެ.
މި އަހަރުގެ އޭޕްރީލް މަހު ވެސް ޖަރުމަނުވިލާތުން މިފަދަ މައްސަލައެއް ފެންމަތިވި އެވެ. އެއީ 26 އަހަރުގެ ދަރިފުޅު، ކޮޓަރިއެއްގެ ތެރޭގައި ފޮރުވައިގެން ގެންގުޅު މައްސަލަ އެވެ. އެ މީހާ ގެއިން ނުނެރެގެން ފޮރުވައިގެން ގެންގުޅިފައިވަނީ ވެސް އެމީހާގެ މަންމަ އެވެ.