ބޮލީވުޑް

"31 އޮކްޓޯބަރު" ރިލީޒްކުރުން ފަސްކޮށްފި

Oct 6, 2016

ސޮހާ އަލީ ޚާން އާއި ވީރް ދާސް ލީޑްރޯލުން ފެނިގެންދާ ފިލްމު "31 އޮކްޓޯބަރު" ރިލީޒްކުރުން ލަސްކޮށްފި އެވެ.

ނެޝަނަލް އެވޯޑް ލިބިފައިވާ ޑައިރެކްޓަރު ޝިވާޖީ ލޯތަން ޕާޓިލް ޑައިރެކްޓްކޮށްފައިވާ މިފިލްމު ކުރިން ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތީ މާދަމާ އެވެ. ނަމަވެސް މިފިލްމު ރިލީޒްކުރުމާ ދެކޮޅަށް ކޮންގްރެސް ޕާޓީގެ ފަރާތުން މައްސަލައެއް ހުށަހެޅުމުގެ ސަބަބުން ވަނީ މިމަހުގެ 21 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ފަސްކޮށްފަ އެވެ.

ސޮހާ އާއި ވީރް ސިކުންގެ ދެމަފިރިންގެ ގޮތުގައި ފެނިގެންދާ މިފިލްމަކީ 1984 ވަނަ އަހަރު އިންޑިއާގެ ޕްރައިމް މިނިސްޓަރުގެ ގޮތުގައި ހުންނެވި އިންދިރާ ގާންދީ އަވަހާރަކޮށްލި ހާދިސާ އާއި އޭގެފަހުން އިންޑިއާގައި ހިނގައިދިޔަ ހަމަނުޖެހުންތައް ދައްކުވައިދޭ ފިލްމެކެވެ.

"31 އޮކްޓޯބަރު" ގެ ޓްރެއިލާ:

މިފިލްމުގެ ރިލީޒްކުރުން ލަސްކުރުމާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރު އަދި ވާހަކަލިޔެފައިވާ ހެރީ ސަޗްދޭވް ވަނީ ފިލްމުގެ މަސައްކަތް ފެށީއްސުރެން އައީ އެތަކެއް ފިއްތުންތައް ކުރިމަތިވަމުން ކަމަށް ބުނެފަ އެވެ. އެގޮތުން ފިލްމަށް ސެންސަރު ބޯޑުން ކުރިމަތިވި ފިއްތުންތަކަށްފަހު މިހާރު އިންޒާރުތައް ލިބެމުން އަންނަ ކަމަށާއި މިއިން އެއްވެސް ކަަމަކުން ފިލްމު ސިނަމާތަކާ ހަމައަށް އައުން ނުހުއްޓުވޭނެ ކަމަށް ހެރީ ވަނީ ބުނެފަ އެވެ.

ހެރީ އިތުރަށް ވަނީ 1984 ވަނަ ހިނގި ހާދިސާތުގެ ވާހަކަ ފޮރުވަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެވާހަކަ މިފިލްމު މެދުވެރިކޮށް މުޅި ދުނިޔެއަށް ހާމަކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މިފިލްމަށް ސެންސަރު ބޯޑުން ފާސްކުރި ސެޓްފިކެޓް ދީފައިވަނީ ސެންސަރުކުރަން ފިލްމު ލީތާ ހަތަރު މަސްދުވަސް ފަހުންނެވެ.