ކަޝްމީރުގެ ސަރަހައްދުގައި އިންޑިއާ އާއި ޕާކިސްތާންގެ އަސްކަރިއްޔާއާ ދެމެދު ހަމަލާ ބަދަލު ކުރުންތަކުގެ ވަރުގަދަ ކުރިމަތި ލުމެއް ހިނގައި އެކަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ.
ޕާކިސްތާންގެ އަސްކަރިއްޔާއިން ބުނީ އިންޑިއާގެ އަސްކަރިއްޔާއިން ހިމާލިޔާ ސަރަހައްދުން އިންޑިއާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި "އަންހެނަކު ވަރަށް ބޮޑަށް ޒަހަމް ވެއްޖެ" ކަމަށެވެ.
"ރޭ ފަތިހު ފަހެއް ޖަހާކަންހާއިރު، ވަރުގަދަ ކުރިމަތިލުންތަކެއް ހިނގި. އެންމެން ތިބީ ވަރަށް ބިރުން. ސަރަހައްދުގެ ގެތަކުން މީހުންތައް ނިކުމެގެން ދިޔަ،" ޕާކިސްތާން ފަޅީގައި ދިރިއުޅޭ އާންމުގެ މީހަކު ބުންޏެވެ.
އޭނާ ބުނީ ހަމަލާ ބަދަލު ކުރުންތައް އިރު އެރިފަހުންވެސް ވަރަށް ގިނަ އިރު ވަންދެން ކުރިއަށް ދިޔަ ކަމަށެވެ.
ނިއުކްލިއާ ދެ ބާރުގެ ގޮތުގައި އޮތް ޕާކިސްތާނާއި އިންޑިއާގެ މަސްރަހު ހޫނުވީ މި އަހަރު ޖޫން މަހު ކަޝްމީރުގެ ސަރަހައްދުގެ އިންޑިއާގެ އަސްކަރިއްޔާއިން ކަޝްމީރަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ ވާނީ މަރައިލުމުންނެވެ. ވާނީ އަކީ ކަޝްމީރުގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ޒުވާނެކެވެ. އިންޑިއާއިން ބުނީ ވާނީ އަކީ ހަނގުރާމަވެރި ގުރޫޕެއްގެ އިސްމީހެއް ކަމަށެވެ. ނަމަވެސް ކަޝްމީރުގެ ރައްޔިތުން ދެކެނީ ވާނީ އަކީ ކަޝްމީރު ވަކި ގައުމެއްގެ ގޮތަށް މިނިވަން ވުމަށް ކުރާ މަސައްކަތުގައި ގައުމީ ބަތަލެއްގެ ގޮތުގައެވެ.
އެއްފަހު އިންޑިއާގެ އަސްކަރިއްޔާއާ ދެކޮޅަށް ކަޝްމީރުގެ ރައްޔިތުން ނިކުތެވެ. އިންޑީއާ އިން ތުހުމަތު ކުރަނީ ކަޝްމީރުގައި އިންޑިއާގެ އަސްކަރިއްޔާއާ ދެކޮޅަށް ނިކުތުމަކީ ޕާކިސްތާން އަޑީގައި އޮވެގެން ރާވާ ކަންތައްތައް ކަމަށެވެ. ނަމަވެސް ޕާކިސްތާނުން އެ ތުހުމަތުތައް ދޮގު ކުރެއެވެ.
ބިމުން ނަގާ މައުދަނުގެ މުއްސަނދިކަން ލިބިފައިވާ ކަޝްމީރުގެ މިލުކުވެރި ކަމާމެދު އިންޑިއާ އާއި ޕާކިސްތާނުންވެސް ދައުވާ ކުރެއެވެ.