ދުނިޔެ

ސުލަހަވާން ދެކޮޅު ހެދުމުން ކޮލަމްބިއާއަށް އީޔޫގެ ދަތިކުރުމުގެ ފިޔަވަޅު

Oct 7, 2016

ކޮލަމްބިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ފާކް އާ ސުލަހަވެ ބައިގަރުނަށްވުރެ ގިނަ ދުވަސްވީ ދާހިލީ ހަނގުރާމަ ހުއްޓާލަން ކޮލަމްބިއާގެ ރައްޔިތުން ދެކޮޅު ހެދުމުން، ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ދޭ މާލީ އެހީތައް ހުއްޓާލަން ޖެހިދާނެ ކަމަށް އީޔޫ އިން ބުނެފި އެވެ.

އީޔޫއިން ވަނީ ލެޓީން އެމެރިކާގެ ގައުމުތަކަށް ދިނުމަށް ޔޫރަޕްގެ އިއްތިހާދުން ވައުދު ވެފައިވާ އެހީގެ ތެރެއިން ކޮލަމްބިއާ އަށް ދިނުމަށް ކަނޑައަޅާފައިވާ 600 މިލިއަން ޔޫރޯ ހުއްޓާލަން ޖެހިދާނެ ކަމަށް ބުނެފައެވެ.

"ހަމަޔަގީނުންވެސް މިހާރު (ކޮލަމްބިއާގައި) މިއޮތް ހާލަތުން އަހަރެމެންނަކަށް މި އެހީ ފޯރުކޮށް ނުދެވޭނެ،" އީޔޫ ކައުންސިލްގެ ރައީސް އަދި ސޮލަވާކިއާގެ ހާރިޖީ ވަޒީރު އިވާން ކޮރަކޮކް ވިދާޅުވި އެވެ.

އީޔޫގެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަމުން ކޮރަކޮކް ވިދާޅުވީ، ކޮލަމްބިއާ އަށް ސުލްހަ ގެނައުމަށް އީޔޫ އިން އެއްބާރުލުން ދާނެ ކަމަށެވެ. ސުލްހަ ގާއިމު ކުރެވިއްޖެނަމަ އިތުރު 11 ގައުމަކުން ކޮލަމްބިއާ އަށް އެހީ ވުމަށް ހުށަހަޅާފައިވާ ކަމަށް ވެސް ކޮރަކޮކް ވިދާޅުވި އެވެ.

ސުލްހައިގެ އެއްބަސްވުން ނާކާމިޔާބު ވުން

ކޮލަމްބިއާގައި ހިންގަމުންދިޔަ ދާހިލީ ހަމަނުޖެހުމަކީ ދުނިޔޭގެ އެންމެ ދުވަސްވީ ދާހިލީ ހަނގުރާމައެވެ. ގާތްގަނޑަކަށް 52 އަހަރަށް ދިގު ދެމިގެންދިޔަ މިހަނގުރާމައިގައި 220،000 މީހުން ވަނީ މަރުވެފަ އެވެ. އަދި 45،000 މީހުން ވަނީ ހަނގުރާމައިގެ ބިރުވެރިކަމުން މިންޖުވުމަށް އުޅުމުގެ ތެރޭގައި ގެއްލިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 26 ވަނަ ދުވަހު ކޮލަމްބިއާގެ ރައީސް ހުއާން މެނައުލް ސަންޓޯސް ވަނީ ފާކްގެ ލީޑަރު ރޮޑްރިގޯ ލޮންޑޯނޯއާ އެކު ހަނގުރާމަ ހުއްޓާލުމަށް ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ.

ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓްގައި ހަނި އަގުލަބިއްޔަތަކުން ކޮލަމްބިއާގެ ރައްޔިތުން ނިންމާފައިވަނީ ފާކް އާ ސުލްހަވާން ނުފެންނަ ކަމަށެވެ.

ފެންނަ ނުފެންނަ ވޯޓްގައި ވަނީ ސްލަހަ ގާއިމުކޮށް، ކޮލަމްބިއާގެ ސިޔާސީ މަސްރަހަށް ފާކަށް ވަނުމުގެ ފުރުސަތު ދިނުމަށެވެ. ސުލްހަވާން ނުފެންނަކަމަށް ފާސްވީ 0.4 ޕަސަންޓްގެ ހަނި ތަފާތަކުންނެވެ. ސުލްހަވާން ނުފެންނަކަމަށް ފާސްވުމުން ސަންޓޯސްގެ ސަޕޯޓަރުން ތުހުމަތުކޮށްފައިވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަލްވާރޯ އުރިބޭއަކީ ސުލްހަ ގާއިމު ކުރުމާ ދެކޮޅު ލީޑަރެއް ކަމަށެވެ. ވޯޓްގައި އުރިބޭ ކެމްޕޭން ކުރެއްވީ ސްލްހަ ގާއިމު ކުރުމަށް ނުފެންނަ ކަމަށެވެ.

ނަމަވެސް ކޮލަމްބިއާގެ ރައީސް ސަންޓޯސް ވިދާޅުވީ މިހާ ހިސާބުން އޭނާގެ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށާއި ރައީސްއަށް ލިބިދޭ ބާރުގެ ދަށުން ސުލްހަ ގާއިމު ކުރުމަށް ކުރަންޖެހޭ މަޝްވަރާތައް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ވަނީ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކަށް މިއަދު ގޮވާލައްވާފަ އެވެ.

އިއްޔަ އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނިކުމެ ސުލްހައިގެ އެއްބަސްވުމަށް ތާއީދުކޮށް މުޒާހަރާކޮށްފަ އެވެ. ފާކުންވެސް ބުނެފައިވަނީ ސުލްހައިގެ އެއްބަސްވުން ދެމެހެއްޓުމަށް އެޖަމާއަތުން ދެމިތިބޭނެ ކަމަށެވެ.

"ފެންނަ ނުފެންނަ ވޯޓަށް ފަހުވެސް ކުރެވިފައިވާ ސްލަހައިގެ މުއާހަދާ ފާކް ހިލާފެއް ނުވާނެ. އެމީހުން ބުނީ ސްލްހަވާން އެމީހުން ދޭންޖެހޭ ހުރިހާ ކަމެއް ދޭނަމޭ ނަމަވެސް އެގޮތަކަށް ނޫން މިވީކީ. ފާކް މިއޮތީ ސްލަހަ ގާއިމުކޮށް މަސައްކަތް ކުރަން ތައްޔާރަށް" ފާކްގެ ލީޑަރު ލޮންޑޯނޯ ވިދާޅުވިއެވެ.

ސަންޓޯސް ވިދާޅުވީ ފާކްއާއެކު ވެފައިވާ ސްލަހައިގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

މިދިޔަ މަހު ވެވުނު ސްލަހައިގެ އެއްބަސްވުމާއެކު އީޔޫއިން ބުނެފައިވަނީ ފާކްގެ އެސެޓްތައް ފްރީޒު ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުން ސަސްޕެންޑް ކުރާނެ ކަމަށެވެ.