ބޮލީވުޑް

"ކޮފީ ވިތު ކަރަން 5" ގައި ކެޓްރީނާ ފެނިގެންދާނެ

Oct 8, 2016

މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ބޮލީވުޑްގެ އެކި މަޝްހޫރު ފަރާތްތަކާއެކު ގެނެސްދޭ ޗެޓް ޝޯ "ކޮފީ ވިތް ކަރަން" އަލުން އެނބުރި ޓީވީ އަންނަން ކޮތީ ކުޑަ ދުވަސްކޮޅެކެވެ.

ދެއަހަރުގެ މެދުކެނޑުމަކަށްފަހު ގެނެސްދޭ މިޝޯގެ ފަސްވަނަ ސީޒަން ލޯންޗްކުރާދުވަސް މިޝޯ ދައްކާ ޗެނަލް ސްޓާ ވޯލްޑުން މިވަނީ އާންމުކޮށްފަ އެވެ. އަންނަ މަހުގެ 6 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖަހާއިރު ސީޒަން ފަހެއްގެ ފުރަތަމަ އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވާ ކަަމަށް އެޗެނަލުން ވަނީ ބުނެފަ އެވެ.

ފަސް ވަނަ ސީޒަން އަލުން އަންނަ ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފެށުމާއެކު މިސީޒަންގެ ފުރަތަމަ ޝޯގައި މެހެމާނެއްގެ ގޮތުގައި ފެނިގެންދާނީ ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ. ނަމަވެސް އެވާހަކަތައް ދޮގުކުރަމުން ކަރަން ވަނީ ފުރަތަމަ ޝޯގެ މެހެމާނުގެ ގޮތުގައި ފެނިގެންދާނީ ސުޕަސްޓާ ޝާހްރުކް ޚާން އާއި ބަތަލާ އާލިއާ ބަޓް ކަމަށް ބުނެފަ އެވެ.

މިދެތަރިންގެ އިތުރުން މިއަހަރުގެ ސީޒަންގައި ފެނިގެންދާނީ ކޮން ތަރިންނެއްކަން އަދި ޔަގީންނުވާއިރު ބަތަލާ ކެޓްރީނާ ކައިފް ދެވަނަ އެޕިސޯޑްގެ މެހެމާނެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް އަންނަނީ ބުނަމުންނެވެ.

މިއީ "ކޮފީ ވިތް ކަރަން" ގެ ދެވަނަ ސީޒަންގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށްފަހު ކެޓްރީނާ މިޝޯއިން ފެނިގެންދާނެ ދެވަނަ ފަހަރެވެ.

ކަރަން ޕްރޮޑިއުސްކުރި "ބާރް ބާރް ދޭކޯ" ގެ ބަތަލާގެ ރޯލު ކެޓްރީނާ ކުޅުނު ފަހުން އޭނާގެ ވަރަށް ގާތް އެކުވެރިއަކަށް ކެޓްރިނާ ވެފައިވާއިރު، ކަރަން އުފައްދާ "ރާތް ބާކީ" ކިޔާ ފިލްމެއްގެ ބަތަލާގެ ރޯލު ވެސް ކެޓްރީނާ އަށް ވަނީ ދީފަ އެވެ. އެހެންކަމުން ކަރަން ބޭނުންވަނީ ދެވަނަ އެޕިސޯޑުގެ މެހެމާނަކަށް ކެޓްރީނާ ހަމަޖައްސާށެވެ.

އެކްޓަރު ރަންބީރު ކަޕޫރާއި ލޯބީގެ ގޮތުން ހައަހަރު ވަންދެން އުޅުމަށްފަހު މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރުޅިވެފައިވާއިރު، މިހާތަނަށް ވެސް ކެޓްރިނާ އޭނާގެ ލޯބީގެ ހަޔާތާ ބެހޭގޮތުންނާއި އަދި ރަންބީރު ރުޅިވި ސަބަބާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

އެހެންކަމުން މިއަހަރުގެ "ކޮފީ ވިތް ކަރަން" ގެ ސީޒަންގެ ފަހެއްގައި ކެޓްރީނާ އޭނާގެ ވަރަށް ޕާސަނަލް ވާހަކަތަކެއް ހިއްސާކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ނޮވްމްބަރު މަހު ދައްކަން ފެށި "ކޮފީ ވިތް ކަރަން" ޝޯ އަކީ ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ވަކިވަކިންނާއި ނުވަތަ ދެތަރިން އެކުގައި ގެނެސްގެން އެމީހުންނާ ކަރަން ކުރިމަތިކުރުވާ ސުވާލުތަކަކަށް ޖަވާބުދީގެން ކުރިއަށް ގެންދާ ޝޯ އެކެވެ.

މިހާތަނަށް މިޝޯގައި ގެނެސްދީފައިވާ ހަތަރު ސީޒަނުގައި މަޝްހޫރު އެކި ފަރާތްތަތަކުން ވަނީ އެމީހުންގެ ވަރަށް ޕާސަނަލް ވާހަކަތަކާއި ވާދަވެރި އެހެން ތަރިންނާއި ގުޅޭ އާންމުނަށް ނޭނގޭ ސިއްރުތައް ވެސް ފަޅާ އަރުވާލާފަ އެވެ.