ވިޔަފާރި

"ކޮށްދިއްޕަރަށް ގިނަ ހުށަހެޅުންތައް އައި، ވިއްކާލީ އެންމެ ރަނގަޅު އަގަށް"

  • ކޮއްދިއްޕަރު ގަތީ ސިންގަޕޫރުގެ ޕާކް ހޮޓެލްއިން
  • ރިސޯޓު ގަތީ 65 މިލިއަން ޑޮލަރަށް
  • ރިސޯޓް ހުޅުވުން އަންނަ އަހަރު

ސިންގަޕޫރުގެ "ޕާކް ހޮޓެލް" ގްރޫޕަށް ވިއްކާލާފައިވާ ކޮއްދިއްޕަރު ގަންނަން ބޭރުގެ ގިނަ އިންވެސްޓަރުން ޝައުގުވެރިން ފާޅުކުރި ކަމަށާއި އެ ކުންފުންޏަށް އެތަން ވިއްކާލީ އެންމެ ރަނގަޅު އަގު ހުށަހެޅީ އެ ކުންފުނި ކަމަށް ވާތީ ކަމަށް، އެ ރަށް ކުއްޔަށް ނަގާފައިވާ އަމީން ކޮންސްޓްރަކްޝަން އިން ބުނެފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދު ވިދާޅުވީ ސިންގަޕޫރުގެ ކުންފުންޏަށް އެ ރަށް ވިއްކާލުމުގެ ކުރިން ތައިލެންޑާއި މި ނޫން ވެސް ގައުމުތަކުގެ އިންވެސްޓަރުން ޝައުގުވެރިވި ކަމަށެވެ. އެކަމަކު ސިންގަޕޫރުގެ ކުންފުންޏަކީ އެންމެ ރަނގަޅު އަދި އެކަށީގެންވާ އަގު ހުށަހެޅި ކުންފުނި ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"އެކަމަކު އެންމެ ރަނގަޅު ހުށަހެޅުމެއް އައީ ސިންގަޕޫރު ކުންފުނިން އެހެންވެ ވިއްކާލީ،" ގިނަ ރިސޯޓްތަކެއް ހަދާ ކޮންސްޓްރަކްޝަން ކުންފުނި، އަމީންގެ ވެރިޔާ، އަބްދުﷲ ވިދާޅުވި އެވެ.

ސިންގަޕޫރުގެ ޕާކް ގްރޫޕުގެ 30 ޕަސެންޓް ހިއްސާ އާއި އެ ގައުމުގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމަށް ވާ ޗިޕް އެންގް ސެންގް ކޯޕަރޭޝަން (ސީއީއެސް) ގެ 70 ޕަސެންޓް ހިއްސާ ހިމެނޭ ގޮތަށް އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކުން ކޮއްދިއްޕަރު ގަނެފައި ވަނީ ގްރޫޕުން 65 މިލިއަން ޑޮލަރަށެވެ.

ކޮއްދިއްޕަރު މީގެ ކުރިން ދަތުރު ދިއުމަށް ބޭނުންކުރި ރަށެކެވެ. ހުޅުމާލޭގައި 100 ހައުސިން ޔުނިޓާއި، 50 ވިލާ އަޅާ ގޮތަށް ސަރުކާރާ އެކު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުން، ރިސޯޓެއް ތަރައްގީ ކުރަން 2013 ގައި އެ ރަށް ދިނީ އަމީން ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއެއް ކަމަށްވާ، ޓޮފް ޑެކް އިންވެސްޓްމަންޓަށެވެ.

އެއަށް ފަހު އެ ރަށްތަރައްގީ ކުރަމުން ގޮސް، ސިންގަޕޫރު ކުންފުންޏަށް ވިއްކާލި އިރު އެ ރަށުގެ 70 ޕަސެންޓް ވަނީ ނިމިފަ އެވެ.

އޭނާ ވިދާޅުވީ ކޮއްދިއްޕަރު ވިއްކައިލި ނަމަވެސް އެ ރިސޯޓް ތަރައްގީ ކުރުމުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކާއި އެހެން ވެސް ލޮޖިސްޓިކް ކަންކަން ކުރާނީ އެ ކުންފުނިން ކަމަށެވެ. އަދި އަންނަ އަހަރުގެ ދެ ވަނަ ކުއާޓާގެ ތެރޭގައި ރިސޯޓް މަސައްކަތްތައް ނިންމައި ހުޅުވުމަށް މިހާރު ވަނީ ޕްލޭންގައި ހިމަނާފަ އެވެ.

"އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރިސޯޓު ހުޅުވަން ނިންމާފައިވަނީ،" އަބްދުﷲ ވިދާޅުވި އެވެ.

މާލެ އިން ފުރައިގެން ގާތްގަނޑަކަށް 15 މިނެޓުން ސްޕީޑް ލޯންޗުގައި ދެވޭ ރާސްތާގައި އޮންނަ ކޮށްދިއްޕަރުގައި 120 ވިލާ އަޅާނެ އެވެ. މީގެ އިތުރުން މި ރަށުގައި ބީޗު ވިލާ އާއި މޫދު ކޮޓަރިތައް ވެސް ހުންނާނެ އެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު 10 ރިސޯޓެއް ހުޅުވާނެ އެވެ. އަދި އަންނަ އަހަރު 20 ރިސޯޓެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.