ބޮލީވުޑް

މުސްލިމަކަށް ވީތީ ހިންދޫންގެ ފެސްޓިވަލަކުން ނަވާޒުއްދީން ބޭރުކޮށްލައިފި

Oct 8, 2016

އެތަރިއެއްގެ އެކްޓިން ހުނަރު މޮޅު ކަމުގެ ސަބަބުން ކްރިޓިކްސް އާއި ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު ނަވާޒުއްދީން ސިއްދީގީ މުސްލިމަކަށް ވީތީ ހިންދޫންގެ ފެސްޓިވަލަކުން ބޭރުކޮށްލައިފި އެވެ.

މިހާރު އޭނާގެ އުފަން އަވަށް ބުދާނާގައި ކުރިއަށްދާ ހިންދޫ ދީނުގެ ފެސްޓިވަލެއްގައި އެދީނުގެ ކަލާނގެއެއްގެ ރޯލު ކުޅެން ހުއްޓާ ނަވާޒުއްދީން ބޭރުކޮށްލާފައިވަނީ ސިޔާސީ ޕާޓީ ޝިވް ސޭނާއިން މުސްލިމަކަށް ހިންދޫ ދީނުގެ ރޯލެއް ނުކުޅެވޭނެ ކަމަށް ބުނެ އަޑުއުފުލައި މުޒާހަރާކުރުމުންނެވެ.

ޝިވް ސޭނާގެ ޑިސްޓްރިކްޓް ހެޑް މުކޭޝް ޝަރްމާ އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއްގައި ވަނީ ނަވާޒުއްދީން އެފެސްޓިވަލްގައި ބައިވެރިވާކަން އެނގުނު ހިސާބުން ޕޮލިހަށް މައްސަލަ ހުށަހަޅައި އެފެސްޓިވަލް އިންތިޒާމުކުރާ ފަރާތުގައި އެދިގެން އޭނާ ބޭރުކޮށްލާފައިވާނެ ކަމަށް ބުނެފަ އެވެ. އަދި މުޅި އެއަވަށުގައި އަޑުގަދަކޮށް އޭނާ އެފެސްޓިވަލުން ބޭރުކުރުމަށް ގޮވާލާފައިވާނެ ކަމަށް ވެސް މުކޭޝް ވަނީ ބުނެފަ އެވެ.

"އަހަރެމެން ދެކޮޅީ އޭނާ އާއި އޭނާގެ ނަމަށް. އޭނާގެ ފަހަރި އެވަނީ އޭނާއާ ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހަޅާފައި. މިފެސްޓިވަލްގައި އޭނާ ބައިވެރިވާން ނިންމީ އާންމުން އޭނާއާ މެދު ދެކެމުން އަންނަ ގޮތް ބަދަލުކުރަން. ފަންސާސް އަހަރަށްވުރެން ގިނަ ދުވަސްވެއްޖެ އެއްވެސް މުސްލިމަކު މިފެސްޓިވަލްގެ އެއްވެސް ރޯލެއް ނުކުޅޭތާ. އަދި އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫން" މުކޭޝް ބުނެފައިވެ އެވެ.

މިފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ވަނީ ޝިވް ސޭނާ އާއި ހިންދޫ އެކްޓިވިސްޓް ގްރޫޕަކުން ނަވާޒުއްދީން ކުޅެން ހަމަޖެހިފައި އޮތް "ރާމްލީލާ" ގެ ރޯލު އޭނާ ކުޅުމާ ދެކޮޅަށް އަޑުއުފުލަން ފެށުމުން އޭނާގެ ރޯލު އެފެސްޓިވަލުން އުނިކޮށްފަ އެވެ.

ނަވާޒުއްދީން މިފެސްޓިވަލުން ބޭރުކުރުމާ ގުޅިގެން ފެސްޓިވަލް އިންތިޒާމުކުރާ ކޮމެޓީގެ ރައީސް ދަމޯދަރް ޕްރަސާދް ޝަރްމާ ވަނީ މުސްލިމަކު ހިންދޫއިންގެ ރޯލެއް ކުޅުމާ ޝިވް ސޭނާއިން ދެކޮޅު ހެދުމުން ފުލުހުން ވަނީ އެމީހުން ކުރެން ނަވާޒުއްދީން އެރޯލު ކުޅުނަ ނުދޭން އެދިފައި ކަމަށެވެ. އަދި އެވަގުތު އެފެސްޓިވަލް ބަލަން ގިނަ އަދަދެއްގެ ބަޔަކު އެއްވެ ތިބުމުން އާންމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި ނަމަ އެހުރިހާ އެންމެން ކޮންޓްރޯލް ނުކުރެވޭނެތީ އާއި ދިމާވެދާނެ އެއްވެސް މައްސަލައެއްގެ ޒިންމާ ނަގަން ޖެހޭނީ އިންތިޒާމުކުރާ ފަރާތުން ކަމަށްވުމުން އޭނާ ބޭރުކޮށްލީ ކަމަށް ބުނެފަ އެވެ.

މިހާތަނަށް ހިންދީ ބްލޮކްބާސްޓާ ގިނަ ފިލްމުތަކެއް ކުޅެފައިވާ ނަވާޒުއްދީން އޭނާ މިފެސްޓިވަލުން ބޭރުކުރުމާ ގުޅިގެން ވަނީ ރާމްލީލާގެ ރޯލު ކުޅުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި އަދި އޭނާގެ ރޯލު އުނިކުރިޔަސް މާޔޫސްނުވާ ކަމަށް ބުނަމުން ވަނީ އަންނަ އަހަރު މިރޯލު އޭނާ ކުޅޭނެ ކަމަށް ބުނެފަ އެވެ.

އިތުރަށް ނަވާޒުއްދީން ވަނީ އޭނާ އެރޯލު ނުކުޅުނީ އެއަވަށުގައި ހަމަޖެހުން ނަގާލަން އޭނާ ބޭނުންނުވާތީ ކަމަށް ބުނެފަ އެވެ. އޭނާއާ ދެކޮޅަށް އަޑުއުފުލި މީހުންނާ ގުޅޭގޮތުން ނަވާޒުއްދީން އެއްވެސް އެއްޗެއް ބުނެފައިނުވާއިރު އޭނާ ވަނީ ޓްވިޓާގައި އެރޯލަށް އޭނާ ތައްޔާރުވި ގޮތާއި އެރޯލުގެ ކޮސްޓިމާއެކު ނަގާފައިވާ ފޮޓޯތަކެއް ހިމެނޭ ވީޑިއޯއެއް ލާފަ އެވެ.

މިފެސްޓިވަލުން ނަވާޒުއްދީން ބޭރުކޮށްލާފައިވަނީ އޭނާ ހުށަހަޅައިދިނުމަށް ހަމަޖެހިފައި އޮތް އައިޓަމް ފެށުމުގެ މިނިޓްތަކެއް ކުރިން ކަމަށްވެ އެވެ. އަދި މިއައިޓަމްގެ އެހެން ބައިވެރިންނާއެކު އޭނާ ވަނީ އެދުވަހު ދެގަޑިއެއްހާއިރު ރިހާސަލްވެސް ކޮށްފަ އެވެ.