ދުނިޔެ

ނޮބެލްގެ ސުލްހައިގެ އިނާމް ކޮލަމްބިއާގެ ރައީސް އަށް

Oct 8, 2016

ދުނިޔޭގެ އެންމެ ދުވަސްވީ ދާހިލީ ހަނގުރާމަ ނިންމަވާލައްވައި ކޮލަމްބިއާގެ އިދިކޮޅު ހަނގުރާމެވެރި ޖަމާއަތް ފާކް އާއެކު ސްލަހަ ގާއިމު ކުރެއްވި ކޮލަމްބިއާގެ ރައީސް ހުއާން މެނައުލް ސަންޓޯސް އަށް މިއަހަރުގެ ނޯބަލް ސްލްހައިގެ އިނާމް ލިބިވަޑައިގެންފިއެވެ.

ފާކް އާއި ކޮލަމްބިއާގެ އަސްކަރީ ސަރުކާރާ ދެމެދު ކުރިއަށް ދިޔަ 52 އަހަރުގެ ދާހިލީ ހަނގުރާމަ ނިންމަވާލެއްވުމަށްފަހު، ސަންޓޯސް ވަނީ މިދިޔަ މަހު އެ ޖަމާއަތާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމު ކުރައްވާފައެވެ.

ފާކް އާއެކު ސްލަހަވެ، އެ ޖަމާއަތަށް ކޮލަމްބިއާގެ ސިޔާސީ މަސްރަހުން ފުރުސަތު ދިނުމަށް ސަންޓޯސް ވަނީ ފެންނަ ނުފެންނަ ވޯޓެއް އިއުލާން ކޮށްފައެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވުނު ފެންނަ ނުފެންނަ ވޯޓުން ފާކްއާ ސްލަހަ ގާއިމު ކުރަން ނުފެންނަ ކަމަށް ހަނި އަގުލަބިއްޔަތަކުން ކޮލަމްބިއާގެ ރައްޔިތުން ނިންމި ނަމަވެސް، ސަންޓޯސް ވިދާޅުވީ ރައީސް އަށް ބާރުގެ ދަށުން އެންމެ ފަހު ވަގުތާ ހަމަޔަށްވެސް ފާކް އާއެކު ސުލްހަ މުއާހަދާ ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ނޯބަލް ސްލްހައިގެ އިނާމު ލިބިވަޑައިގެންނެވުމުން ސަންޓޯސް ވިދާޅުވީ "ޝަރަފުވެރި އެ އެވޯޑް ލިބުނީ އޭނާ އަށް އަށް ނޫން" ކަމަށާއި، "އެ އެވޯޑަކީ ކޮލަމްބިއާގެ ދާހިލީ ހަނގުރާމައިގެ ޝިކާރައަކަށްވި އެންމެންނަށް ލިބުނު އެވޯޑެއް" ކަމަށެވެ.

"އެހުރިހާ ފަރާތްތަކަށް އެންމެ މުހިންމު އެވޯޑަކަށް ވާނީ. ސްލްހަ. ގުޅިގެން އަހަރެމެންނަށް ސްލްހަ ގާއިމު ކުރެވޭނެ،" ސަންޓޯސް ޓްވިޓާގައި ވިދާޅުވެފައިވެއެވެ.

ކޮލަމްބިއާގެ ރައީސް ކަމަށް ސަންޓޯސް އެންމެ ފުރަތަމަ އިންތިހާބު ކުރީ 2010 ވަނަ އަހަރުއެވެ. އެއަށް ފަހު 2014 ވަނަ އަހަރު ދެ ވަނަ ދައުރަކަށްވެސް އޭނާ ރައީސް ކަމަށް އިންތިހާބު ކުރިއެވެ.