ދުނިޔެ

ރަޝިޔާ އާއި ސީރިއާގެ ސަރުކާރުން ހިންގަނީ ހަނގުރާމައިގެ ޖަރީމާ: އެމެރިކާ

Oct 8, 2016
1

ސީރިޔާގައި ރަޝިޔާ އާއި ސީރިޔާގެ ސަރުކާރުން ހިންގަމުން ދަނީ ހަނގުރާމައިގެ ޖަރީމާ ކަމަށާއި، އެ ޖަރީމާތައް ތަހްގީގު ކުރަން ޖެހޭ ކަމަށް އެމެރިކާގެ ހަރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެއްޖެއެވެ.

ވޮޝިންޓަންގައި ފްރާންސްގެ ހާރިޖީ ވަޒީރު ޖީން މާކް އައިރޯލްޓް އާ ބައްދަލު ކުރައް ވައި ކެރީ ވިދާޅުވީ ރަޝިޔާ އާއި ސީރިޔާގެ ސަރުކާރުން ސީރިޔާގެ ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ތަފްސީލު ކޮށްދިނުމަށްވުރެ އެކަމަށް ދައްކަން ޖެހޭ ބަދަލު މާ ބޮޑު ކަމަށެވެ.

"ހޮސްޕިޓަލް ތަކަށާއި މެޑިކަލް ފެސިލިޓީ ތަކަށް. ކުޑަ ކުދިންނާ އަންހެނުންނަށް ހަމަލާ ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން. އެ ޖަރީމާތަކަށް އިންސާފުވެރި ތަހްގީގެއް ހިންގަން ޖެހޭ،" ކެރީ ވިދާޅުވިއެވެ.

މިދިޔަ މަހު ރަޝިޔާގެ ހާރިޖީ ވަޒީރު ސާޖީ ލެވްރޯވް އާއި ކެރީ އާ ދެމެދު ވެވުނު އެއްބަސް ވުމުގެ ދަށުން ހަފުތާއެއްގެ މުއްދަތައް ހަނގުރާމަ ހުއްޓާލައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ވަނީ އެއްބަސް ވެފައެވެ.

ނަމަވެސް ކެރީ ވިދާޅުވީ އެއްބަސްވި ގޮތަށް ރަޝިޔާއިން އަމަލު ނުކުރާ ކަމަށާއި ހަމަލާތައް މެދު ކެނޑުމެއް ނެތި ދޭއިރު ހޮސްޕިޓަލް ތަކަށްވެސް ހަމަލާ ދެމުންދާ ކަމަށެވެ.

މިދިޔަ ހަފުތާއި އެމެރިކާއިން ވަނީ ސީރިޔާގެ މައްސަލައިގައި ރަޝިޔާއިން ހޮސްޕިޓަލްތަކަށް ހަމަލާ ދެމުންދާތީ އެ ގައުމާއެކު އޮންނަ ސިޔާސީ ގުޅުންތައް ސަސްޕެންޑް ކޮށްފައެވެ.

މިދިޔަ ހަފުތާގައި ރަޝިޔާގެ ހާރިޖީ ވަޒީރުގެ އޮފިޝަލެއް ވިދާޅުވީ ސީރިޔާގެ ސަރުކާރުގެ ސަރހައްދަށް ހަމަލާ ދީފިނަމަ ރަޝިޔާއިން އެކަމަށް ބަދަލު ހިފާނެ ކަމަށެވެ.