ދުނިޔެ

ޓޯނީ ބްލެއާ އަލުން ސިޔާސީ ދާއިރާއަށް؟

Oct 8, 2016

އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު، ޓޯނީ ބްލެއާ އަލުން ސިޔާސީ ދާއިރާ އަށް ނިކުންނަވަން އުޅުއްވާ ކަމުގެ އިޝާރާތެއް ދެއްވައިފިއެވެ.

އެސްކިއުއާ މަޖައްލާ އަށް ދެއްވި އިންޓަވިއުގައި ބްލެއާ ވިދާޅުވީ ސިޔާސީ ދާއިރާއާ ދުރުގައި ހުންނެވުމަށްވެސް ވަކި ލިމިޓެއް އޮންނަވާނެ ކަމަށެވެ.

"އަހަރެން ސިޔާސީ ދާއިރާއަށް އަތުވެދާނެ ކަމަށް ގަބޫލު ކުރެވޭހޭ. އާ އަހަރެން އަންނާނަން. އަހަރެން ވަރަށް ޝައުގުވެރިކަން އެބަހުރި އެނބުރި އަންނަން،" ބްލެއާ ވިދާޅުވިއެވެ.

ލޭބާ ޕާޓީގެ ސަރުކާރުގައި ބޮޑުވަޒީރު ކަން ކުރެއްވި ބްލެއާ ވަނީ، އެ ޕާޓީގެ މިހާރުގެ ލީޑަރު ޖެރުމީ ކޯބަން މަސައްކަތް ކުރަވަނީ އިނގިރޭސި ވިލާތް 60 ގެ އަހަރުތަކަށް ގެންދިއުމަށް ކަމަށް ތުހުމަތު ކުރައްވާފައެވެ.

މިއީ ދެހާސް ނުވަ ވަނަ އަހަރު ސިޔާސީ ހަރަކާތްތަކުން ދުރަށް ދިޔަ ފަހުން، އެނބުރި ސީޔާސީ ކަންތައްތަކަށް އެނބުރި އަންނާނެ ކަމަށް ބްލެއާ ވިދާޅުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ބްލެއާގެ ރިޔާސަތުގައި ޖެހިޖެހިގެން ތިން ފަހަރު ލޭބާ ޕާޓީން ވަނީ އިނގިރޭސި މަޖިލިސް އިންތިހާބު ކާމިޔާބު ކޮށްފައެވެ. ނަމަވެސް އެމެރިކާއިން އިރާގާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އާއެކު ހަނގުރާމައަށް ބައިއަތު ހިފުމުން، ބްލެއާގެ މަގުބޫލުކަން އިނގިރޭސި ވިލާތުގައި ވރަށް ބޮޑަށް ދަށަށް ދިޔައެވެ.