ވިޔަފާރި

ކާށިދޫ ޓޫރިޒަމަށް ހުޅުވާލަނީ، ސިޓީ ހޮޓަލުގެ މަޝްރޫއު މާދަމާ ފަށަނީ

  • ހޮޓަލަށް ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރޭ
  • އަމަލީ މަސައްކަތް މި އަހަރުގެ ޑިސެމްބަރުގައި ފަށާ
  • ހޮޓާ އަޅަނީ ބޭރުން ތަކެތި ގެނެސް ރާވާލާ ގޮތަށް

ކ. ކާށިދޫގައި 50 ކޮޓަރީގެ ސިޓީ ހޮޓަލެއް އެޅުމުގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރާނެ ކަމަށް ހޮޓާ ތަރައްގީ ކުރާ ކުންފުނިން ބުނެފި އެވެ. އެ ރަށު ކައުންސިލުން ބުނަނީ، މިއީ އެ ރަށް ޓޫރިޒަމަށް ހުޅުވާލުމުގެ ފެށުން ކަމަށާއި ރަށުގެ ރައްޔިތުންގެ އުންމީދު އާވެފައިވާ ކަމަށެވެ.

ކާށިދޫގައި 50 ކޮޓަރީގެ ހޮޓަލެއް ތަރައްގީ ކުރާ ސީކްރޮސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަލީ ވިދާޅުވީ ފަސް މިލިއަން ޑޮލަރުގެ ހޮޓަލުގެ އަމަލީ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހު ފަށާނެ ކަމަށެވެ.

"މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް މިކުރަނީ. އަށާރަ މަސް ޕްރޮޖެކްޓުގައި އިން ނަމަވެސް 15 މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ބެލެވޭ،" އަހުމަދު ވިދާޅުވި އެވެ.

"އަވަސް" ވާހަކަ ދައްކަވަމުން ކާށިދޫ ކައުންސިލްގެ ރައީސް ކައުންސިލްގެ ރައީސް އީސާ ހަލީލް ވިދާޅުވީ މި ހޮޓާ ހުޅުވުމުގެ ސަބަބުން ކާށިދޫއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

"މިހާރު ކާށިދޫއަކީ ދަނޑުވެރިކަންކުރާ ރަށެއް. ނަމަވެސް މިހާރު މި މަސައްކަތުން ރަށުގެ މީހުންނަށް ކުރިއަށް ދެވޭ ވަރެއްނޫން. އެހެންވެ ބޭނުންވަނީ ދަނޑުވެރިމާއެކު ކާށިދޫގައި ޓޫރިޒަމަށް ހުޅުވާލަން،" އީސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހޮޓަލުގެ ސަބަބުން ކާށިދޫގައި ޓޫރިޒަމް ފައްކާ ކުރުމަށް ގިނަ ފުރުސަތު ތަކެއް ހުޅުވިގެންދާނެ ކަމަށާއި، މިއީ މުޅި ރަށަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރަށުގެ އުމްރާނީ ތަރައްގީއަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

"މަސައްކަތް ހަވާލުވާ ކުންފުނިން ފުރަތަމަ އަހަރު 40،000 ޑޮލަރު [ގާތްގަނޑަކަށް 616800ރ.] އިތުރަށް ދޫކުރާ ބިމުން ކައުންސިލަށް ދައްކާނެ. މީގެ އިތުރުން 120 މީހުންގެ ޖާގައިގެ ފެރީއެއްގެ ހިދުމަތް ހަފުތާއަކުން ތިން ދުވަހު ދޭނެ. ރަށުގެ މަގުތަކުގައި ހުރި ބައްތިތައް ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރާނީ އެ ކުންފުނިން،" އީސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތް ފެށުމާއެކު އިތުރު ދެ ލައްކަ އަކަ ފޫޓުގެ ބިން ކާށިދޫ އިން ޓޫރިޒަމަށް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ.

"އެނގިފައިވާ ގޮތުގައި ހޮޓަލުގެ މަސައްކަތް ދިވެހި ކުންފުންޏާ ގުޅިގެން ކުރަނީ ޗައިނާގެ ބޮޑު ކުންފުންޏަކުންނެވެ. އަދި މި ހޮޓާ އަޅަނީ އެކި ބައިތައް ރާއްޖޭން ބޭރުން ގެނެސް ރާވާލާ ގޮތަށެވެ.

ކާށިދޫއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ އެއް ރަށެވެ. މި ރަށުގައި މިހާރު ހުރީ އެންމެ ގެސްޓް ހައުސް އެކެވެ. ކާށިދޫއަކީ ތާރީހީ ގޮތުން ވެސް ފާހަގަ ކޮށްލެވޭ ރަށެކެވެ.