ބޮލީވުޑް

"މިރްޒިޔާ" އަށް ބެލުންތެރިންގެ ހިތް އަތަކު ނުވި

Oct 9, 2016

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ފިރިހެން ދަރިފުޅު ހަރްޝްވަރްދަން ކަޕޫރާއި ސައިޔާމީ ކޭރް ބޮލީވުޑަށް ތައާރަފުވި ފިލްމު "މިރްޒިޔާ" ހުކުރު ދުވަހު ރިލީޒްކޮށްފައިވާއިރު މިފިލްމު އުންމީދުކުރި ވަރާ ގާތަށްވެސް ނުހިނގަ އެވެ.

ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާ އުފައްދާފައިވާ ލޯބީގެ މިފިލްމު ރިލީޒްކުރުމުގެ ކުރިން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބޭނެ ފިލްމެއް ކަމަށް ބުނަމުން އައި ނަމަވެސް މިފިލްމަށް ލިބިފައިވަނީ ވަރަށް ކުޑަ ތަރުހީބެކެވެ.

ޕަންޖާބީ ފޯލްކް ޓޭލްއެއްގެ މައްޗަށް އުފައްދާފައިވާ މިފިލްމަށް ފުރަތަމަ ދުވަހު އާމްދަނީ ހިއްސާކުރަމުން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝްކުރި ޓްވީޓެއްގައިވަނީ މިފިލްމުގެ ފުރަތަމަ ދުވަހުގެ އާމްދަނީ ހައިރާންވާހާ ދައްކަމަށާއި އެގޮތުން ފުރަތަމަ ދުވަހު ލިބިފައިވަނީ 2.20 ކްރޯޑް (220 މިލިއަން) ރުޕީޒް ލިބުނު ކަމަށް ބުނެފަ އެވެ.

ހުކުރު ދުވަހުގެ ހެނދުނާއި ހަވީރު މިފިލްމު ބަލަން ސިނަމާތަކަށް ވަން މީހުންގެ އަދަދު ނިސްބަތުން ވަރަށް މަދުކަމަށްވާއިރު، ގިނަ ސިނަމާތަކުގައި ފުލްވެފައިވަނީ 25 ވަރަކަށް ޕަސެންޓް ކަމަށް ވެސް ތަރަން ވަނީ ބުނެފަ އެވެ.

ޝަންކަރް-އެހްސާން-ލޯއި ތައްޔާރުކޮށްދީފައިވާ ލަވަތަކާއި ގުލްޒާރްގެ މޮޅެތި ޑައިލޮގްގެ އިތުރުން އޭނާގެ އަސަރުގަދަ ޝައިރީތަކާއި ރާޖަސްތާންގެ ހިތްގައިމު މަންޒަރުތަކުން ވެސް ޑައިރެކްޓަރު އޯމްޕްރަކާޝް މެހެރާ ފިލްމުގައި ޖައްސަން ބޭނުންވި ޒަމާންވީ ލޯބީގެ ކުލަ ވަނީ ނުޖެއްސިފަ އެވެ.

ފުރަތަމަ ދުވަހު މިފިލްމަށް ލިބުނު އާމްދަނީ އަށް ބަލައި ފުރަތަމަ ހަފްތާ ބަންދުގައި ރަނގަޅު އާމްދަނީއެއް ލިބިދާނެކަމުގެ އެއްވެސް އުންމީދެއް ނެތްއިރު، މިފިލްމަކީ 35 ކްރޯޑް (350 މިލިއަން) ރުޕީޒްގެ ބެޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. އެހެންކަމުން މިފިލްމަށް ބޮކްސް އޮފީހުގައި ކާމިޔާބު ނުލިބޭނެ ކަމަށް މިހާރުވެސް ގިނަފަރާތްތަކަކުން އަންނަނީ ބުނަމުންނެވެ.

މިފިލްމާ އެންމެ ވާދަކުރާނީ މިދިޔަ ހަފްތާގައި ރިލީޒްވި ސުޝާންތް ސިންގް ރާޖްޕުތްގެ "އެމް އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ކަމަށް ކުރިން ބުނަމުން އައިސްފައިވާއިރު "މިރްޒިޔާ" ރިލީޒްކުރި ދުވަހު ވެސް އެފިލްމަށް ވަނީ 4.07 ކްރޯޑް (407 މިލިއަން) ރުޕީޒް ލިބިފަ އެވެ. ކްރިކެޓްކުޅުންތެރިޔާ މަހެންދްރަ ސިންގް ދޯނީގެ ހަޔާތުގެ މައްޗަަށް އުފައްދާފައިވާ މިފިލްމުގެ އަޑު ބޮކްސް އޮފީހުގައި ކަނޑުވާލެވ ގޮތުް "މިރްޒިޔާ" އަށް ވަނީ ނުވެފަ އެވެ.

ފިލްމުގެ ވާހަކަ އެއްވެސް ތާކުންތާކު ނުޖެހޭ ކަމަށް ބުނެ ކްރިޓިކްސްއިން ފާޑުކިޔާފައިވީ ނަމަވެސް ކްރިޓިކްސްއިން ވަނީ މުޅިން އާ ތަރިންގެ ގޮތުގައި ތައާރަފުވި ހަރްޝް އާއި ސައިޔާމީގެ އެކްޓިން އަށް ތައުރީފުކޮށްފަ އެވެ. ވަކިން ހާއްސަކޮށް ހަރްޝްގެ ހުނަރަށް ވަނީ ތައުރީފުކޮށްފަ އެވެ.

މިފިލްމުގެ ޓްރެއިލާ އާއި ލަވަތައް އާންމުކުރި ހިސާބުން ފެށިގެން ބަތަލު ހަރްޝް އަށް ވަނީ ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފަ އެވެ. ވަކިން ހާއްސަކޮށް އޭނާގެ ރީތި ސިފަތަކުގެ ސަބަބުން ޒުވާން އަންހެންކުދިން މެދުގައި އޭނާ ވަނީ ވަރަށް މަޝްހޫރުވެފަ އެވެ.

"މިރްޒިޔާ" ރިލީޒްކުރުމުގެ ކުރިން މިދިޔަ ހަފްތާގައި ބޮލީވުޑްގެ ފަރާތްތަކަށް ހާއްސަ ސްކްރީނިންއެއް ބާއްވާފައިވާއިރު ފިލްމު ބެލި އެންމެން ވެސް ބުނެފައިވަނީ ފިލްމު ވަރަށް ރީތި ކަމަށާއި ޚާއްސަކޮށް ހަރްޝް އެކްޓިން ވަރަށް މޮޅު ކަމަށެވެ.