ދުނިޔެ

އިންޑިއާ އަސްކަރިއްޔާއިން ކުއްޖަކު މަރާލުމުން ކަޝްމީރު މަސްރަހު ހޫނުވެއްޖެ

އުމުރުން 12 އަހަރުގެ ކުޑަ ކުއްޖަކު އިންޑިއާގެ އަސްކަރިއްޔާއިން މަރާލުމުން ކަޝްމީރުގެ މައްސަލަ އިތުރަށް ހޫނުވެ ކަޝްމީރުގެ އެތައް ބަޔަކު އިންޑިއާ ދެކޮޅަށް އަޑު އުފުލަން ފަށައިފި އެވެ.

ޝެރީ ކަޝްމީރު މެޑިކަލް ސައިންސް ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ އަލްޖަޒީރާ އިން ބުނީ ޖުނައިދު އަހްމަދު، 12 މަރުވީ އިންޑިއާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެއްގެ ވަރަށް ހެނދުނުގައި ކަމަށެވެ. ބޮލަށް ލިބުނު އަނިޔާގެ އިތުރުން ކަރުނަ ގޭހުގެ އަސަރު ކުރުމުން ވެސް ގެއްލުން ލިބިފައި ހުރިކަމަށް ޑޮކްޓަރުން ބުންޏެވެ.

ޖުނައިދު މަރާލުމުން ކަޝްމީރުގެ އިންޑިއާވީ ފަޅީގެ ގިންގާރު ސަރަހައްދުގައި ހާހަކަށް ވުރެ ގިނަ މީހުން ވަނީ އިންޑިއާގެ އަސްކަރިއްޔާއާ ދެކޮޅަށް ނިކުމެ އަޑު އުފުލަން ފަށާފަ އެވެ. މަގުތަކަށް ނިކުމެ އަޑުއުފުލަން ފެށި މީހުންނާ ދެކޮޅަށް އިނޑިއާގެ އަސްކަރިއްޔާއިން ވަނީ ބާރުގެ ބޭނުން ކޮށްފަ އެވެ.

އެ ސަރަހައްދުގެ މީހަކު އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ ޖުނައިދު ގަޔަށް އިންޑިއާގެ އަސްކަރިއްޔާއިން ޕެޕަ ސްޕްރޭ ކުރީ، އޭނާ ގޭ ކުރިމަތީގައި ހުންނަ ބަގީޗާގައި ކުޅެން ހުއްޓާ ކަމަށެވެ. ނަމަވެސް އިންޑިއާގެ އަސްކަރިއްޔާއިން ބުނީ އެ ކުޑަ ކުއްޖާވެސް މުޒާހަރާގައި ބައިވެރިވެ އިންޑިއާ އާ ދެކޮޅަށް އަޑު އުފުލާފައިވާ ކަމަށެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ އިންޑިއާ ކަޝްމީރު ދޫކޮށް ދިއުމަށާއި ކަޝްމީރަށް މިނިވަންކަން ބޭނުންވާ ކަމަށެވެ.

"އަހަރެމެން ފިޔަވަޅުތައް މި އަޅަނީ މުޒާހަރާ އެހެން ހިސާބުތަކަށް ފެތުރުނަ ނުދިނުމަށް. މުޅި ސަރަހައްދުގައި މި ވަނީ ކާފިއު އިއުލާންކޮށްފަ،" އޭއެފްޕީއަށް އިންޑިއާގެ ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކޮންމެ ހުކުރު ދުވަހެއްގައި ކަޝްމީރުގައި އިންޑިއާޔާ ދެކޮޅަށް އަޑު އުފުލާ މުޒާހަރާތައް ކުރެ އެވެ. މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރާ ތަކުގައި 50 މީހުން ޒަހަމްވި ކަމަށް އަލްޖަޒީރާއިން ބުންޏެވެ.

އިންޑިއާއިން ވަނީ ކާފިއު އިއުލާންކޮށް ސްކޫލް ތަކާއި ބޭންކް ތަކާއި ފިހާރަތައް ބަންދު ކުރުމަށްވެސް އަންގާފަ އެވެ. އަދި އިންޓަނެޓާއި މޯބައިލް ހިދުމަތް ވެސް ފޮރުކޮށްދެނީ ހިފަހައްޓައިގެންނެވެ.