ދުނިޔެ

މޮރޮކޯގެ މަޖިލިސް އިންތިހާބު އިސްލާމީ ޕާޓީން ކާމިޔާބު ކޮށްފި

Oct 9, 2016

މޮރަކޯގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެރިކަން ކުރާ އިސްލާމިކް ޖަސްޓިސް އެންޑް ޑިވްލަޕްމެންޓް ޕާޓީން ކާމިޔާބުކޮށްފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ވޯޓްގެ ރަސްމީ ނަތީޖާ އިއްޔަ ވަނީ އިއުލާންކޮށްފަ އެވެ. އިސްލާމީ ޕާޓީއަށް ވަނީ މަޖިލީހުގެ 395 ގޮނޑީގެ ތެރެއިން 125 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ދެ ވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ އިދިކޮޅު މޮޑާނިޓީ ޕާޓީ އެވެ. އެޕާޓީއަށް 102 ގޮނޑި ވަނީ ކާމިޔާބު ކުރެވިފަ އެވެ.

މޮރޮކޯގެ އެންމެ ދުވަސްވީ ޕާޓީ އިސްތިގްލާލް ނުވަތަ އިންޑަޕެންޑެންޓް ޕާޓީއަށް ލިބުނީ 46 ގޮނޑިއެވެ. ނެޝަނަލް ރެލީ ޕާޓީ އަށް ލިބުނީ 37 ގޮނޑި އެވެ. ޕޮޕިއުލާ މޫވްމެންޓް ޕާޓީއަށް ލިބިފައިވަނީ 27 ގޮނޑި އެވެ.

އިސްލާމިކް ޕާޓީއަކީ 2011 ވަނަ އަހަރުން ފެށިގެން މޮރަކޯގައި ކޯލިޝަން ސަރުކާރަކުން ވެރިކަން ކުރަމުންދާ ޕާޓީ އެވެ.

އަލްޖަޒީރާއިން ބުނީ ވޯޓްގެ ނަތީޖާއިން ރަމްޒުކޮށްދެނީ ވެރިކަން ކުރާ އިސްލާމިކް ޕާޓީއަށް ލިބުނު ކާމިޔާބު ކަމަށެވެ. އިދިކޮޅު މޮޑާނިޓީ ޕާޓީން ވަނީ އިސްލާމިކް ޕާޓީއަށް ފަސް އަހަރުގެ ވެރިކަމުގެ ދައުރުގައި އެކަށީގެންވާ ނަތީޖާއެއް ނުދެއްކޭ ކަމަށް ބުނެ ފާޑު ކިޔާފަ އެވެ.

ނަމަވެސް އިސްލާމިކް ޕާޓީގެ ސެކެޓްރީ ޖެނަރަލް އަދި މިދިޔަ ފަސް އަހަރު މޮރޮކޯގެ ބޮޑުވަޒީރުކަން ކުރެއްވި އަބްދުﷲ ބިންކެރާނޭ ވިދާޅުވީ އިންތިހާބުގެ ނަތީޖާއިން ދޭހަކޮށްދެނީ މިދިޔަ ފަސް އަހަރު އެޕާޓީއަށް ކަންކަން ހާސިލު ކުރެވިފައިވާކަން ރައްޔިތުން ބަލައިގެންފައިވާ ކަމެވެ.،

"މިއަދަކީ އުފާވެރި ދުވަހެއް. އަދި މިއީ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބެއް. މޮރަކޯގެ ރައްޔިތުން މިވަނީ ނިމިދިޔަ ދައުރުގައި އަހަރެމެން ކުރި މަސައްކަތް ބަލައިގެންފައި. އޭގެ ބަދަލު ރައްޔިތުން އަހަރެމެންނަށް އަލުން މިދިނީ" އިންތިހާބުގެ ނަތީޖާއަށްފަހު ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ބެންކެރާނޭ ވިދާޅުވި އެވެ.

މޮޑާނިޓީ ޕާޓީން ބުނީ އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި 2011 ވަނަ އަހަރުގެ އިންތިހާބުގެ ނަތީޖާއަށް ވުރެ އެޕާޓީއިން މިއިންތިހާބުގައި ލިބުނު ނަތީޖާ ރަނގަޅު ކަމަށް ޕާޓީގެ ސެކެޓްރީ ޖެނަރަލް ހާލިދު އަދުންނާން ވިދާޅުވި އެވެ.

"ކުރިންވެސް ބުނިހެން އަހަރެމެން އިސްލާމިކް ޕާޓީއާ އެއްވެސް ގުޅުމެއް ނުބާއްވާނަން. ތިބޭނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި" އަދުނާން ވިދާޅުވިއެވެ.

ދެހާސް އެގާރަ ވަނަ އަހަރު އެކުލަވާލަފައިވާ ގާނޫނުތައް ބުނާ ގޮތުން ބޮޑުވަޒީރު ކަމަށް އަންނާނީ އެންމެ ގިނަ ގޮނޑި ލިބުނު ޕާޓީން ނެވެ.

އެހެންކަމުން އާ ސަރުކާރު އެކުލަވާލުމަށް މޮރަކޯގެ ރަސްގެފާން މުހައްމަދު ދަންނަވާނީ އިސްލާމިކް ޕާޓީއަށެވެ. ސަރުކާރު އެކުލަވާލުމުގެ ފުރިހަމަ އަގުލަބިއްޔަތު ނެތުމުން އެޕާޓީން މިފަހަރުވެސް އެކުލަވާލަނީ ކުދި ޕާޓީތަކަށް ދައުވަތު ދެއްވައިގެން ކޯލިޝަން ސަރުކާރެކެވެ.