ހުޅަނގު އައްސޭރީގެ އުތުރު އިރުމަތީ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ހަތަރު އާއިލާއަށްކަށް ނިސްބަތްވާ 22 ތަނެއް އިސްރާއީލްގެ އަސްކަރިއްޔާއިން ފުނޑުފުނޑުކޮށްލައިފިއެވެ.
އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ މިއަދު ބްލްޑޯޒަރުތަކާއެކު ހުޅަނގު އައްސޭރީގެ ސަރަހައްދަށް އަރައި ގެތަކާއި ދަނޑުވެރިކަން ކުރަން ހަދާފައިވާ ސަރަހައްދުތައްވެސް ހަލާކުކޮށްލާފަ އެވެ.
ފަލަސްތީނުގެ އަލް ޔައުމް ޓީވީ އިން ބުނީ ފުނޑުފުނޑު ކޮށްލި ސަރަހައްދަކީ ގާތް ގަނޑަކަށް 200 މީހުން ދިރިއުޅޭ ސަރަހައްދެއް ކަމަށެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމެއް ރިޕޯޓް ކޮށްފައެއް ނުވެ އެވެ. އަދި އެ ސަރަހައްދަށް ފެން ފޯރުކޮށްދޭން އޮންނަ ފެން ހޮޅިއެއްވެސް އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ ހަލާކުކޮށްލާފަ އެވެ.
ރޭ ފަލަސްތީނުގެ ޒުވާނުންނާއި އިސްރާއިލްގެ އަސްކަރިއްޔާއާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފަ އެވެ. އެކަމާ ގުޅިގެން އިސްރާއީލުން ވަނީ ވަކިވަކިން ފަލަސްތީނުގެ 16 ޒުވާނަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފަހުން އެ ހުރިހާ އެންމެންވެސް ދޫކޮށްލި އެވެ.
ކުރިމަތިލުންތަކުގައި އިސްރާއިލްގެ އަސްކަރިއްޔާއިން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒާނާއި އަޑު ގޮވާ ބޮން ބޭނުންކޮށްފަ އެވެ.
އިސްރާއީލްގެ އަސްކަރިއްޔާއާ ފަލަސްތީނުގެ ޒުވާނުންނާ ދެމެދު ހިނގި އެހެން ކުރިމަތިލުމެއްގައި 52 ޒުވާނުނަށް ވަނީ އަނިޔާވެފަ އެވެ. ބައެއް މީހުންނަށް ކަރުނަ ގޭހުގެ އަސަރު ކުރުމުގެ ސަބަބުން ނޭވާ ލުމަށްވެސް ވަނީ ދަތި ވެފަ އެވެ. އެ ކުރިމަތިލުން ހިނގީ އިސްރާއިލްގެ އަސްކަރިއްޔާއިން ގުދުސް ޔުނިވަސިޓީއަށް ހަމަލާ ދިނުމުންނެވެ.
ނަވާރަސަތޭކަ ސާޅިސް ހަތެއްގައި އިސްރާއީލުން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަށް ގަދަކަމުން ވެރިވެގަތް ފަހުން އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގައި ފަލަސްތީނުގެ އެތައް ބަޔަކު މަރާލައިފަ އެވެ.