ބޮލީވުޑް

އަކްޝޭ އެންމެ އަވަހަށް ޝޫޓްކޮށް ނިންމާލި ފިލްމަކީ "ޖޮލީ އެލްއެލްބީ 2"

Oct 10, 2016

ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ޕްރޮފެޝަނަލް ތަރިއަކަށް ސުޕަސްޓާ އަކްޝޭ ކުމާރު ވާނެ އެވެ.

އަކްޝޭ ކުޅެމުންދާ ފިލްމެއްގެ ޝޫޓިންގެ ލޮކޭޝަނަށް އެންމެ ކުރިންދާ މީހެއްގެ ގޮތުގައި އޭނާ މަޝްހޫރުވެފައިވާއިރު، ބަރާބަރަށް ގަޑިއަށް ޝޫޓިންތަކަށް ދިއުމުގެ އިތުރުން ބަލިވެގެން ނޫން ސަބަބެއް މެދުވެރިވެގެން ނޫނީ އޭނާ ޝޫޓިން ކެންސަލް ވެސް ނުކުރެ އެވެ.

މިއީ ބޮލީވުޑްގެ ތަރިންގެ ކިބައިން މަދުން ނޫނީ ނުފެންނަ މަންޒަރަކަށްވާއިރު، ގިނަ ޑައިރެކްޓަރުންގެ އެންމެ ބޮޑު ޝަކުވާ އަކަށްވެފައި އޮންނަނީ ޝޫޓިންގެ ގަޑިއަށް ތަރިން ފިލްމުގެ ސެޓަށް ނުދިއުމެވެ.

މިއަހަރުގައި ނިކުތް އަކްޝޭގެ ތިން ފިލްމަށް ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، އޭނާ އެންމެފަހުން ކުޅެމުން އައި ފިލްމު "ޖޮލީ އެލްއެލްބީ 2" ގެ ޝޫޓިން އެވަނީ އެއް މަސްދުވަހުގެ ތެރޭގައި ނިންމާލާފަ އެވެ.

ސުބާޝް ކަޕޫރު ޑައިރެކްޓްކުރި މި ފިލްމުގެ ޝޫޓިން އެއް މަސްދުވަހުގެ ތެރޭގައި ނިންމާލެވުނު ކަމަށް ބުނަމުން އަކްޝޭ ވަނީ މިއީ މިހާތަނަށް އޭނާ އެކްޓްކުރި ފިލްމެއްގެ ޝޫޓިން މިހާ އަވަހަށް ނިމުނު ފުރަތަމަ ފަހަރު ކަމަށް ބުނެފަ އެވެ.

މިހާ އަވަހަށް މިފިލްމުގެ ޝޫޓިން ނިމުމުން އަކްޝޭ ވަނީ ފިލްމުގެ މުޅި ޓީމުން ކުރި ބުރަ މަސައްކަތަށް ސާބަސް ދީފަ އެވެ.

މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިފިލްމުގެ މަންޒަރުތައް ނަގައިގެން އަކްޝޭ އާއި އެފިލްމުގެ ޓީމުން ރެކޯޑެއް ހަދާފައިވާ ކަމަށްވާއިރު މިކަމާ ގުޅިގެން އަކްޝޭ ވަނީ އެހާ އަވަހަށް އެ ފިލްމުގެ ޝޫޓިން ނިންމާލެވިފައިވަނީ ދުރާލާ ފިލްމު ޝޫޓްކުރާނެ ގޮތުގައި ޕްލޭނެއް ހެދިފައި އޮތުމުން ކަމަށް ބުނެފަ އެވެ. އެގޮތުން އާދިއްތަ ދުވަސް ފިޔައި އެންމެ ދުވަހެއްވެސް ޗުއްޓީ ގޮތުގައި ދީފައިނުވާއިރު، ހޯމަ ދުވަސްތަކުގައި ގިނަވަގުތު ޝޫޓްކޮށްފައިވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވެސް މިފިލްމުގެ ހުރިހާ މަންޒަރުތަކެއް ނަގާފައިވަނީ އަސްލު ތަންތަނުގައި ކަމަށްވުމުން ސްޓޫޑިއޯތަކުގައި ފިލްމުތަކުން ޝޫޓިން ނަގާނަމަ ސެޓާއި ލައިޓިން ފަދަ ކަންތައްތައް ސެޓްކުރަންދާ ވަގުތު ވަރަށް ބޮޑަށް ސަލާމަތްކުރެވުނެވެ.

އަކްޝޭ ބުނީ ބޮލީވުޑްގައި ކުރިއަށް ހުރި ފިލްމުތަކުންވެސް މިގޮތަށް އަމަލުކުރާނަމަ ފިލްމުތަކުގެ ބަޖެޓު ވަރަށް ބޮޑަށް ކުޑަވެގެންދިއުމުގެ އިތުރަށް ފިލްމު ކަނޑައަޅާ ތާރީހަށް ނިންމޭނެ ކަމަށެވެ.

އަކްޝޭގެ އިތުރުން ހުމާ ގުރޭޝީ ބަތަލާގެ ރޯލުން ފެނިގެންދާ "ޖޮލީ އެލްއެލްބީ 2" އަކީ ކޯޓްރޫމް ކޮމެޑީ ޑްރާމާ ފިލްމެކެވެ. މިސިލްސިލާގެ ފުރަތަމަ ފިލްމު ނިކުމެފައިވަނީ 2013 ވަނަ އަހަރު އެވެ.